މިއަދު ހެނދުނު މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމެޓީގެ 50 ވަނަ ބައްދަލުވުމުގައި، ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙަސަން ވިދާޅުވީ މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުސަތުތަކަށް މާލީ އެހީ ދިނުމުގައި ލާމަރުކަޒީ ނިޒާމަށް ބާރުދިނުމުގެ ގޮތުން އަތޮޅުތެރެއިން މީހުން ބިނާކުރުން އިތުރުކުރުމަށް މަސައްކަތްކުރަމުންގެންދާ ކަމަށެވެ.
މިއަހަރުގެ މަތީ ތައުލީމާއި ތަމްރީންގެ ލޯން ސްކީމްގައި ރައްޔިތުން މަޖިލީހުގެ 87 ދާއިރާއަށް ނިސްބަތްކޮށް ވަކި ކެޓެގަރީއަށް އުފައްދާ ލޯންގެ ފުރުސަތުތައް މިއިން ކޮންމެ ދާއިރާއަކުން އެއް ފުރުސަތު ހުޅުވާލެވިފައިވަނީ ލާމަރުކަޒީ ނިޒާމް ތަރައްޤީކޮށް މުޅި ރާއްޖެއަށް ފުރުސަތު ފަހިކޮށްދިނުމުގެ މަޤްސަދުގަކަން މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ އިބްރާހިމް ޙަސަންގެ ވާހަކަފުޅުގައި ވަނީ ފާހަގަ ކުރައްވާފައެވެ.
އަދި ލާމަރުކަޒީ ނިޒާމަށް ބާރުދިނުމުގެ ގޮތުން އަތޮޅުތެރޭގައި މީހުން ބިނާކުރުމަށްވެސް ވަރަށްބޮޑު އިސްކަމެއް ދެއްވާކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.
މަތީ ތައުލީމުގެ ފުރުސަތުތައް މީގެ ކުރިންވެސް ކޮންމެވެސް ވަރަކަށް އަތޮޅުތެރެއަށް ނިސްބަތްކޮށް ދެވުނު ނަމަވެސް ބޮންޑް ކުރުމުގެ އުސޫލެއް ނެތުމުގެ ސަބަބުން ކިޔަވާ ނިމިގެން އައިސް ރަށްރަށުގައި ގިނަ ކުދިން ޚިދުމަތްކުރަމުން ނުދާތީވެ މިކަމަށް ހައްލެއް ހޯދުމަށް މަސައްކަތްކުރަންޖެހޭކަމަށާއި އުއްމީދުކުރައްވަނީ ދަރިވަރުން ކިޔަވާ ނިމިގެން އައިސް އަތޮޅުތެރޭގައި މަސައްކަތް ކުރައްވާނެކަމަށް ކަމަށްވެސް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ އިބްރާހިމް ޙަސަން ވިދާޅުވިއެވެ.
ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ އިޤްތިސޯދީ ދަތި ދަނޑިވަޅުގައިވެސް ޓްރެއިނިންގެ ނީޑްސް އެނޭލިސިސް އަށް ބެލުމަށްފަހު 514 ދަރިވަރުންނަށް މަތީ ތައުލީމާއި ތަމްރީންގެ ލޯން ސްކީމް މިއަހަރުވެސް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކުރިއަށް ގެންދިއުމަށް ނިންމެވުމަކީ މީހުން ބިނާކުރުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތު ކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.
މި ބައްދަލުވުމުގައި ސްޓޫޑެންޓް ލޯނު ސްކީމްގެ އެކިއެކި ކަންކަމާ ގުޅޭ ގޮތުން މެންބަރުން މަޢުލޫމާތު ސާފުކުރެއްވިއެވެ. އެގޮތުން މެންބަރުން ފާހަގަ ކުރެއްވި ކަންކަމުގެ ތެރޭގައި، ސްޓޫޑެންޓް ލޯނު ދޫކުރާއިރު އަތޮޅުތެރޭގެ ރަށްރަށަށް ބޭނުންވާ ދާއިރާތަކުން ކިޔެވޭނެ މަގުފަހި ކޮށްދިނުމާއި، ޤައުމަށް ބޭނުން ނުވާ ދާއިރާތަކުން ތަޢުލީމު ހާސިލްކުރުމަށް ސްޓޫޑެންޓް ލޯނު އުޞޫލު ފަހިވެފައި އޮވެގެން ނުވާނެ ކަމަށާއި، ކިޔަވާ ނިމިގެން ޤައުމަށް އެނބުރި އައިސް ޚިދުމަތްކުރާކަން ކަށަވަރު ވާނޭ ގޮތްތައް ހޯދާ އެގޮތްތަކަށް އަމަލުކުރެވޭނެ އުޞޫލުތައް އޮތުމަކީ ނުހަނު ބޭނުންތެރިކަމެއްކަން ވަނީ ފާހަގަ ކުރައްވާފައެވެ.
މިހާރުވެސް ނެޝަނަލް ޓްރެއިނިންގ ނީޑްސް އެނަލިސިސްއެއް ހަދާފައި ވާކަމަށާއި އަދި މިހާރުވެސް ލޯނު ދޫކުރަމުންދަނީ އެ ލިސްޓްގައި ހިމެނޭ ދާއިރާތަކުން މަތީތަޢުލީމު ހާސިލްކުރުމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް، އެންމެ ފަހުން އިޢުލާނު ކުރި ލޯނު ސްކީމްގައި ވެސް މަދު ފުރުޞަތުކޮޅެއް އޯޕަން ކެޓަގަރީގައި އޮންނާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން، ގިނަ ދަރިވަރުން ކިޔަވާ ނިންމުމަށްފަހު ދިވެހިރާއްޖެއަށް އެނބުރި އައިސް ޚިދުމަތް ކުރާކަމާއި ލޯނު ފައިސާ އަނބުރާ ދައްކަމުން ދާކަންވެސް މިނިސްޓަރ ފާހަގަކުރެެއްވިއެވެ.




