ށ. ފީވަށް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ %55 މަސައްކަތް ނިމެއްޖެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.
އެމްޓީސީސީއިން ވިދާޅުވީ، ފީވަށް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން ބަނދަރު ފުންކުރުމުގެ މަސައްކަތުގެ %72 ނިންމައި ބޭރުތޮށިލުމުގެ މަސައްކަތުގެ %97 ވަނީ މިހާރު ނިމިފައި ކަމަށެވެ.
އެކުންފުނިން ވިދާޅުވީ، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް މިހާރުވަނީ ފެށިފައި ކަމަށާއި މި މަޝްރޫޢުގެ ދަށުން 55،163 ކިއުބިކް މީޓަރު ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 356 މީޓަރު ސަރަހައްދެއްގެ ބޭރު ތޮށި ލުމާއި، 644 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 182 މީޓަރު ސަރަހައްދެއްގެ ރިވެޓްމަންޓް ޖެހުމާއި، 2،320 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ނެރު ބައްތި ޖަހައި ރޭމްޕެއް ހެދުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަށް 69.3 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ލަފާކުރެއެވެ. މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 2 ޖުލައި 2019 ދުވަހުއެވެ.



