މާލެސިޓިގެ މޭޔަ ޝީފާ މުހައްމަދުގެ އިތުބާރުނެތްކަމުގެ މައްސަލައާއި ގުޅިގެން ކައުންސިލަރުންނާއި ބައްދަލުކުރައްވާ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބިރު ދައްކާފައިވާ ކަމަށް ބުނާ ވާހަކައަކީ ދޮގެއްކަމަށް ކައުންސިލަރުން ވިދާޅުވެއްޖެއެވެ.
"މާލޭގެ މޭޔަރުގެ އިތުބާރު ނެތް ކަމުގެ ވޯޓް މިއަދު ނަގަނީ، ނަޝީދުގެ އިންޒާރެއް " މި ސުރުހީގެ ދަށުން 28 އޮގަސްޓް 2020 ވަނަ ދުވަހު ސަން އޮންލައިގައި ޝާއިރުކޮށްފައިވާ ރިޕޯޓާއި ބެހޭގޮތުން ނެރުނު ނޫސްބަޔާނުގައި ކައުންސިލަރުން ވިދާޅުވެފައިވަނީ ޝާޢިއުކޮށްފައިވާ ރިޕޯޓުގައި ރައީސް ނަޝީދު ކައުންސިލު މެންބަރުންނާ ބައްދަލުކޮށް ބިރު ދައްކާފައިވާ ކަމަށް ބުނާ ވާހަކައަކީ އެއްވެސް ހަޤީގަތެއް ނެތް ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.
ޕާރޓީގެ ރައީސްގެ ހައިޞިއްޔަތުން ޕާރޓީގެ ކައުންސިލަރުންނާ ބައްދަލުކޮށް ޕާރޓީގެ ލީޑަރޝިޕް އަދި ކައުންސިލު މެންބަރުން ގުޅިގެން އިތުރަށް ކުރެވެން ހުރި މަސައްކަތްތަކުގެ މަޝްވަރާކުރެވުނު އެ ބައްދަލުވުމާ ގުޅިގެން އެހެން ގޮތަކަށް ދެކެވޭ ވާހަކަތަކަކީ ސިޔާސީ މަންފާއެއް ހޯދުމަށް ބަޔަކު ހިންގާ ފިނޑި ޢަމަލެއް ކަމުގައި ދެކޭކަމަށްވެސް މި ނޫސްބަޔާނުގައި ވިދާޅުވެފައިވެއެވެ. މި ނޫސްބަޔާނުގައި ވަނީ ހަތަރު ކައުންސިލަރުން ސޮއި ކުރައްވާފައެވެ.
"އެމް.ޑީ.ޕީގެ ފިކުރަކީ އަބަދުވެސް މަޝްވަރާގެ އުޞޫލުން ކަންކަން ޙައްލު ކުރުންކަމުގައި ވާތީ، އެކަން ކުރިއަށް އޮތް ތަނުގައިވެސް ހިނގާނީ އެ އުޞޫލުން ކަމުގައި ދަންނަވަން" އެ ނޫސްބަޔާނުގައި އިތުރަށް ވިދާޅުވެފައި ވެއެވެ.
މާލެ ސިޓީ މޭޔަރ ޝީފާ މުހައްމަދުގެ އިތުބާރުނެތް ކަމުގެ ވޯޓު މިއަދު ނެގުމަށް ހަމަޖެހިފައިވާއިރު މި ވޯޓުގެ މައްސަލަ ކުރިއަށް ނުގެންދަން ލޯކަލް ގަވަރްމެންޓް އޮތޯރިޓީއިން ވަނީ މިއަދު އަންގާފައެވެ.
ޝީފާގެ އިތުބާރުނެތަކަމުގެ މައްސަލަ ހުށައެޅުއްވީ މާފަންނު އުތުރުދާއިރާގެ ކައުންސިލް މެންބަރު މުހައްމަދު ފަޒީނެވެ. ޝިފާއާއި ދެކޮޅަށް 39 މައްސަލައެއް ހުށައަޅާފައިވާއިރު އެ މައްސަލައިގައި ޖަވާބުދާރީވުމަށް މިމަހުގެ 18 ވަނަ ދުވަހުވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ.



