އެޗްޕީއޭގެ މިންގަނޑުތަކައް ތަބާވުމަށް ހޯމް މިނިސްޓަރު އިމްރާން ގޮވާލައިފި

ސިއްހީ ނުރައްކަލުގެ ހާލަތާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ހުރިހާ ފަރާތްތަކުންވެސް ތަބާވުމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ގޮވާލައިފިއެވެ.

އިމްރާން މިގޮތަށް ގޮވާލާފައި މިވަނީ އިދިކޮޅު ފަރާތްތަކުން މާލެ ސިޓީގައި މިއަދު ބޭއްވި ސައިކަލު ބުރާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން އިމްރާން ވިދާޅުވީ، ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅިގެން އެޗްޕީއޭއިން ކަނޑައަޅާފައިވާ މިންގަނޑުތަކަށް ހުރިހާ ފަރާތްތަކުން ތަބާވުމަށް ގޮވާލާކަމަށެވެ. އަދި ރައްޔިތުންގެ ޞިއްޙީ ރައްކާތެރިކަން ނަގާލުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމާމެދު ވަރަށް ބޮޑު ފަރަގެއްވާކަމަށްވެސް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.

އިދިކޮޅުގެ މިއަދު ކުރިއަށްގެންދިޔަ ޙަރަކާތާއި ގުޅިގެން ފުލުހުން ވިދާޅުވީ، މިއަދު ބޭއްވުނު ސިޔާސީ ހަރަކާތުގައި އެޗް.ޕީ.އޭގެ މިންގަނޑުތަކާއި އެއްގޮތަށް ގައިދުރުކަން ނުބަހައްޓާ ހަރަކާތްތެރިވުމާއި މާސްކު ނާޅާ އުޅެފައިވާކަން ފާހަގަކުރެވިފައިވާކަމަށާއ، އަދި މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން މޮނިޓަރިންގެ ޙާލަތުގައި ނެތް ރަށްރަށުގައި ރާއްޖެ ވިއްކާލުމާއި ދެކޮޅަށް އިދިކޮޅުން ކުރިއަށްގެންދިޔަ މިހަރަކާތުގައި މިސަރުކާރުން ކުރަމުންދާ ވައްކަމާއި ދެކޮޅަށްވެސް އަޑުއުފުލާފައިވާއިރު، ސަރުކާރު ފެއިލްވެއްޖެކަމަށް ގޮވާލާ، މިސަރުކާރު އިސްތިއުފާ ދިނުމަށްވެސް އިދިކޮޅުންވެސްވަނީ ގޮވާލާފައެވެ.

މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ބާއްވާނަމަ އެ އެއްވުން ބޭއްވޭނީ ކާނިވާ ސަރަހައްދުގައި އެކަނިކަމަށް ހޯމް މިނިސްޓްރީން ޖުލައި މަހުގެ ތެރޭގައި އަންގާފައިވާއިރު، ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ ޤާނޫނުގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ލިޔުމުން ދޭ ހުއްދައަކާއެކު ނޫނީ ވެރިރަށް މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ، ހެންވޭރު ކާނިވާ ސަރަހައްދުގައި ކަމަށް ކަނޑައަޅައި އެކަން ހުރިހާ ފަރާތްތަކުގެ ސަމާލުކަމަށް ހޯމް މިނިސްޓްރީންވަނީ އަންގާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ