ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވިއްސާރަ ކުރާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ނެރުނު ވައިޓް އެލާޓްގައި ވިދާޅުވެފައިވަނީ، މިރޭ މެންދަމު 02:45 އިން އިން ފެށިގެން މާދަމާ ހެނދުނު 08:45 އާ ދެމެދުގެ ވަގުތުތަކުގައި ހއ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް، ވިލާގަނޑުގައި ގަޑިއަކު 40 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.
White alert in effect until 24th May 2019, 0845am pic.twitter.com/MJQDMfGO0R
— Maldives Meteorology (@MetMaldives) May 23, 2019
މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކިހިސާބަަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާ އެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.
ހުޅަނގުދެކުނާއި ހުޅަނގުން، އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 05 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.
މެޓް އޮފީހުން އިތުރަށް ވިދާޅުވީ، ކަނޑުުތައް އުތުރުގައި އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި، އެހެންހިސާބުތަކުގައި އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށެވެ. އެހެންކަމުން ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް އިލްތިމާސް ކުރައްވާ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.
އިއްޔެ ކުރި ވިއްސާރައިގައި މާލޭގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެފައިވާއިރު، މި ހަފްތާގައި ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ ބައެއް ރަށްރަށުގައިވެސް ފެންބޮޑުވެފައިވެއެވެ. މޫސުމަށް ސަމާލުކަން ދެއްވައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުއްވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވައެވެ.