ބ. ދަރަވަންދޫގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ގާއިމްކުރި ފުޓްސެލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ޔޫތް މިނިސްޓަރ އަހްމަދު މަހުލޫފް ބައިވެރިވެވަޑައިގެންފިއެވެ.
ހޮނިހިރު ދުވަހުގެ ރޭ ބޭއްވި މި ރަސްމިއްޔާތުގައި މަހްލޫފް ބައިވެރިވެ ވަޑައިގެންފައިވަނީ ވާރޗުއަލް ކޮށެވެ. ފުޓްސެލް ދަނޑު ހުޅުވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި މަހުލޫފް ވިދާޅުވެފައިވަނީ ދަރަވަންދޫ ފުޓްސެލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވުމަކީ ލިބުނު ޝަރަފެއްކަމަށެވެ.
ދަރަވަންދޫ ފުޓްސެލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތު ވަނީ ކުލަގަދަކޮށް ބާއްވާފައެވެ. އެގޮތުން މި ރަސްމިއްޔާތުގައި ފިރިހެނުންނާއި އަންހެނުންގެ އިތުރުން ކުޑަކުދިންވެސް ވަނީ ބައިވެރިވެފައެވެ. އަދި މި ދަނޑު ހުޅުވުމުގެ ގޮތުން އަންހެނުންގެ ފުޓްސަލް މެޗަކާއި ފިރިހެނުންގެ ފުޓްސަލް މެޗެއް ވެސް ވާނީ ބާއްވާފައެވެ.
މި ފުޓްސެލް ދަނޑުގެ މަސައްކަތް ނިމެންދެން އެއްބާރުލުން ދެއްވި ކަމަށްޓަކައި ދަރަވަނދޫ ކައުންސިލްގެ އިތުރުން ޒުވާނުންނަށް މަހުލޫފްވަނީ ޝުުކުރު އަދާކޮށްފައެވެ. މި ދަނޑުގެ މަސައްކަތް ކޮށްފައިވަނީ ޓްރިޕަލް އެއިޓް ކުންފުނިންނެވެ.



