ކަޝްމީރުގެ އިންޑިއާ ކޮންޓްރޯލް ކުރާ ސަރަހައްދުގައި އިންޑިއާ ސަރުކާރާއި ދެކޮޅަށް ހަނގުރާމަކުރާ ހަނގުރާމަވެރިންގެ ތެރެއިން އިންޑިއާ ސަރުކާރުން އެންމެ ބޮޑަށް އަތުލައިގަތުމަށް ބޭނުންވާ ޒާކިރު މޫސާ މަރައިލައިފިކަމަށް އިންޑިއާ ސިފައިން ބުނެފިއެވެ.
އިންޑިއާ ސިފައިން ބުނެފައިވަނީ ޒާކިރު މޫސާ މަރާލައިފައިވަނީ ކަޝްމީރުގެ ދެކުނު ސަރަހައްދުގައި ބަޑިން ހަމަލާދީ ކަމަށެވެ.
ޒާކިރު މޫސާ އަކީ ކަޝްމީރު ރައްޔިތުންގެ މަގުބޫލުކަން ހޯދާފައިވާ ހަނގުރާމަވެރި ލީޑަރެކެވެ. ޒާކިރު މޫސާގެ މަރުގެ ޚަބަރާއެކު އާންމުންވަނީ ކަޝްމީރުގެ މަގުތަކަށް ނިކުމެ ނުރުހުން ފާޅުކޮށްފައެވެ.
ކަޝްމީރުގެ އިންޑިއާޔާ ވީފަޅިއަކީ ހަމަނުޖެހުން ބޮޑު ސަރަހައްދެކެވެ. އިންޑިއާ ސިފައިން މި ސަރަހައްދުގައި އާންމުނަށް އަމާޒުކޮށް ހަމަލާ ދޭކަމަށް މި ސަރަހައްދުގެ މީހުންނާއި ހަވާލާދީ ބޭރުގެ ނޫސް އެޖެންސީ ތަކުން ޚަބަރު ދެއެވެ. މި އަނިޔާ ވެރިކަމާއި ދެކޮޅަށް ކަޝްމީރުގައި އެތަކެއް ހަނގުރާމަވެރި ގުރޫޕުތަކެއް އިންޑިއާ ސިފައިންނާއި ދެކޮޅަށް ހަނގުރާމަ ކުރަމުން ދެއެވެ. މި ގުރޫޕުތަކަށް ޕާކިސްތާން ސަރުކާރުން އެހީވާކަމަށް އިންޑިއާއިން ތުހުމަތު ކުރެއެވެ.
ޒާކިރު މޫސާއަކީ ކަޝްމީރުގައި ހަރަކާތްތެރިވާ އަލްގައިދާ އަށް ވާގިދޭ އަންސަރް ގަޒްވަތް އަލް ހިންދު ގުރޫޕުގެ ލީޑަރެވެ.