ސީޕީ ހަމީދު - ފޮޓޯ: ވަގުތު

ފުލުހުންގެ ހިދުމަތް ތަރައްގީކުރުމަށް އިންޑިއާއިން ދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފި

ފުލުހުންގެ ހިދުމަތް ތަރައްގީކުރުމަށް އިންޑިއާ ސަރުކާރުން ދެއްވާ އެހީތެރިކަމަށް ކޮމިޝަނަރއޮފް ޕޮލިސް މުޙައްމަދު ހަމީދު ޝުކުރު އަދާކުރައްވާފައިފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އިންޑިއާއަށް ޝުކުރުއާދާކުރައްވާފައި މިވަނީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެދަށުން، ދ. ވާނީގައި ހުންނަ ޕޮލިސް ޓްރެއިނިންގ ސެންޓަރު ތަރައްގީކުރުމަށް ކުރިއަށް ގެންދިޔަ ދެވަނަ ފިޔަވަހި ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުންނެވެ.

އެގޮތުން މިރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުން ސީޕީ ވިދާޅުވީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން، ދ. ވާނީގައި ހުންނަ ޕޮލިސް ޓްރެއިނިންގ ސެންޓަރު ތަރައްގީކުރުމަށް ކުރިއަށް ގެންދިޔަ ދެވަނަ ފިޔަވަހީގެ ދަށުން 8 މިލިއަން ރުފިޔާގެ މަޝްރޫއެއް ކުރިއަށް ގެންގޮސްފައިވާކަމަށާއި މި ފިޔަވަހީގެ ދަށުން، ވާނީގައި ރިވަރސް އޮސްމޯސިސް ޕްލާންޓަކާއި ރެޕަލިންގ ޓަވަރަކާއި ސްވިމިންގ ޕްލެޓް ފޯމަކާއި ޖިމެއް ގާއިމު ކޮށްފައިވާކަމަށެވެ. އޭގެތެރޭގައި ޖިމް ސާމާނާއި ވެހިކަލްތައް ހިމެނޭކަމަށާއި މި ވަސީލަތްތަކާއެކު އޮޕަރޭޝަނަލް އަދި ފީލްޑް އޮފިސަރުންގެ ތަމްރީނުތަކަށް އިތުރު ކުރިއެރުން ލިބިގެންދާނެކަމަށެވެ.

ހަމައެއާއެކު ވާނީ އަކީ ފުލުހުންގެ އަސާސީ ތަމްރީން ކޯހުގެ އިތުރުން އޮޕަރޭޝަނަލް ދާއިރާތަކުން ފުލުހުން ތަމްރީނުކުރާ މަރުކަޒުކަން ފާހަގަކުރައްވަމުން ކޮމިޝަނަރ ވިދާޅުވީ އައްޑޫގައި ގާއިމު ކުރެވިގެންދާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒްގައި އަންނަ އަހަރު ނިމުމުން ފުލުހުން ތަމްރީނު ކުރުމަށްޓަކައި ޒަމާނީ ވަސީލަތްތަކާއެކު ދެ މަރުކަޒު ގާއިމު ކުރެވިގެންދާނެކަމަށެވެ. އަދި މި ދެ މަރުކަޒުން ޕޮލިސިންގ ދާއިރާއިން ފުލުހުންނަށް ބޭނުންވާ ހުރިހާ ތަމްރީނުތައް ދެވިގެންދާނެކަމަށާއި މި މަރުކަޒު ގާއިމްކުރެވިގެން މިދަނީ އިންޑިއާ ސަރުކާރުގެ އެހީގެ ދަށުންކަން ފާހަގަކުރެއްވިއެވެ

އިންޑިއާ އަކީ ފުލުހުން ތަމްރީނުކުރަން އަހަމިއްޔަތުކަމެއް ދިން އެއް ގައުމުކަން ފާހަގަކުރައްވައި ކޮމިޝަނަރ ވިދާޅުވީ ފުލުހުން ތަމްރީނުކުރުމުގައާއި ފުލުހުންނަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށް، ފުލުހުންގެ ހިދުމަތް ތަރައްގީކުރުމަށް އިންޑިއާ ސަރުކާރުން ދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައިވެއެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް އެ އެހީތެރިކަން ލިބިގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު ދެއްކެވި ވާހަކަފުޅުގައި ދިވެހި ފުލުހުންގެ ހިދުމަތަކީ ދުސްތޫރީ ހަމަތަކާއި އިންސާނީ ހައްގުތައް އިސްކޮށް، ގާނޫނީ އިމުގެ ތެރެއިން ދެވޭ މަދަނީ ހިދުމަތެއްކަން ފާހަގަކުރެއްވިއެވެ. އަދި މިނިވަން ދިމިގްރާތީ މުޖުތަަމައެއްގައި ގާނޫނާއި ގަވާއިދުތައް ނަގަހައްޓައި ތަންފީޒްކޮށް ހިންގުމަކީ އެންމެ މުހިންމު އެއް އަސާސްކަމަށާއި އެކަމުގައި އެންމެ އިސް ސަފުގައި މަސައްކަތްކުރާ ބަޔަކީ ފުލުހުންކަމަށް ވިދާޅުވިއެވެ.

އެހެންކަމުން ފުލުހުންނަށް  ބޭނުންވާ ތަމްރީނާއި ފުލުހުންގެ ގާބިލްކަން ހޯދައިދިނުމަކީ ސަރުކާރުގެ އެންމެ އިސް އެއް ވާޖިބުކަމަށާއި އެކަމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމަށް ވިދާޅުވިއެވެ. އެގޮތުން މިއަދު ފެނިގެންމިދަނީ އޭގެތެެރެއިން އެއް ބޮޅުކަން ފާހަގަކުރައްވައި، ދ. ވާނީގައި ގާއިމު ކުރެވިގެންދިޔަ ވަސީލަތްތަކާއެކު، ފުލުހުންނަށް ދިމާވާ އެކިއެކި ގޮންޖެހުންތަކުން އަރިގަތުމަށް ލިބިގެންދާ ފުރުސަތެއްކަމަށް ވިދާޅުވިއެވެ. ހަމައެއާއެކު ވާނީގެ ޓްރެއިނިންގ ސެންޓަރުގެ އިތުރުން އައްޑޫ ސިޓީގައި ގާއިމު ކުރެވިގެންދާ ލޯ އެންފޯސްމަންޓް އިންސްޓިއުޓާއެކު ރާއްޖެއަށް ދިމާވާ އެކިއެކި ގޮންޖެހުންތަކާ އިތުރުވަމުންދާ މައްސަލަތައް ހައްލުކުރުމުގައި ފުލުހުން ބޭނުންވާ ތަމްރީނާއި ވަސީލަތްތައް ފަހިވެގެންދާނެކަމަށް ވިދާޅުވިއެވެ.

އިންޑިއަން ހައިކޮމިޝަނަރ ސަންޖޭ ސުދީރު މި ރަސްމިއްޔާތުގައި ދެެއްކެވި ވާހަކަފުޅުގައި މިއަދަކީ ފުލުހުންގެ ހިދުމަތުގައި ތާރީހީ ދުވަހެއްކަން ފާހަގަކުރައްވައި، ފުލުހުންގެ ހިދުމަތް ވަކި ހިދުމަތެއްގެ ގޮތުގައި ގާއިމު ކުރެވިގެންދިޔަތާ 16 އަހަރު ފުރޭ މުނާސަބަތުގެ ތަހުނިޔާ އަރިސްކުރެއްވިއެވެ. އިންޑިއާ ސަރުކާރުގެ އެހީގައި ދ. ވާނީގައި ގާއިމުކުރެވިގެންދިޔަ މި ވަސީލަތްތަކާއެކު ފުލުހުންނަށް ބޭނުންވާ ތަމްރީނުތައް ދިނުމުގައި އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށާއި ފުލުހުންނާއި އިންޑިއާ ސަރުކާރާ އޮތް ގުޅުން ކުރިއަށް އޮތްތަނުގައިވެސް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

މި ރަސްމިއްޔާތުގައި، ފުލުހުންގެ ކުރިއެރުމާއި ތަރައްގީއަށް އިންޑިއާ ސަރުކާރުން ވެދެއްވާ އެހީތެރިކަން ފާހަގަކޮށް ހަނދާނީ ފިލައެއް އަރުވާފައިވެއެވެ. ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން އަބްދުﷲއެވެ. މި ހަނދާނީ ފިލައާ ހަވާލުވީ  އިންޑިއަން ހައިކޮމިޝަނަރ ސަންޖޭ ސުދީރެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ