ފަރަންސޭސިވިލާތުގެ ނޫހެއް ކަމަށްވާ "ޗާލީ ހެބްޑޫ" އިން އަނެއްކާވެސް ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްއަށް ފުރައްސާރަކޮށް ކާޓޫން ކުރުހައިފިއެވެ.
މީގެ ކުރިންވެސް ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ކާޓޫން ކުރަހައިފައިވާ ޗާލީ ހެބްޑޫ ނޫހުން މިފަހަރު ކާޓޫން ކުރަހައިފައި މިވަނީ މީގެކުރިން މިނޫހުން ކާޓޫން ކުރެހުމާއި ގުޅިގެން މިނޫހަށް އަމާޒުވި ޓެރަރިސްޓް ހަމަލާއަށް އެހީތެރިކަން ފޯރުކޮށްދިން 14 މީހެއްގެ ޝަރީއަތް ފެށުމަށް ތައްޔާރުވެފައި ވަނިކޮށެވެ.
ޗާލީ ހެބްޑޫ ނޫހުން ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ކާޓޫން ކުރެހުމާއި ގުޅިގެން 2015 ވަނަ އަހަރުގެ ޖެނުއަރީ ހަތްވަނަ ދުވަހު އެނޫހުގެ އޮފީހަށްވަނީ ދެމީހަކު ވެގެން ޓެރަރިސްޓް ހަމަލާއެއް ދީފައެވެ. މި ހަމަލާގައި އެނޫހުގެ ގިނަ ކާޓޫން ކުރެހުން ތެރިންނާއި އަދި އެހެނިހެން މުވައްޒަފުންގެ ތެރެއިން 12 މީހަކު މަރުވެފައި ވެއެވެ. އަދި މި ހަމަލާއާއި ގުޅިގެން ޕެރިހުގައި ދެވުނު އިތުރު ޓެރަރިސްޓް ހަމަލާ ތަކުގައި ފަސް މީހުންވަނީ މަރުވެފައެވެ.
ޗާލީ ހެބްޑޫ ނޫހުގެ އެޑިޓޯރިއަލްގައި އެނޫހުން ބުނެފައިވަނީ، އެނޫހަށް 2015 ވަނަ އަހަރު އަމާޒުވި ޓެރަރިސްޓް ހަމަލާގެ ފަހުން ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ކާޓޫން ކުރެހުމަށް ގިނަ ބަޔަކު އެދެމުންދާ ކަމަށާއި ނަމަވެސް މިހާތަނަށްވެސް ނުކުރުހައި ހުރީ މަނާކަމަކަށް ވެގެން ނޫންކަމަށެވެ. ނަމަވެސް، މިކަން ކުރުމަށް ރަނގަޅު ސަބަބެއް ނެތުމުން ކަމަށެވެ.
އެނޫހުން އިތުރަށް ބުނެފައިވަނީ، ނޫހަށް އަމާޒުވި ޓެރަރިސްޓް ހަމަލާތަކަށް އެހީތެރިވި ފަރާތްތަކުގެ ޝަރީއަތް ކުރިއަށްދާ ހަފްތާގައި މި ކާޓޫންތައް އަލުން ކުރަހައި އާންމު ކުރުމަކީ އެންމެ މުނާސަބު ވަގުތު ކަމުގައި ދެކޭކަމަށެވެ.
ޗާލީ ހެބްޑޫ ނޫހަކީ އިސްލާމްދީނަށާއި އަދި މިނޫންވެސް އެހެން ދީންތަކުގެ މުގައްދަސް ސަހުސިއްޔަތުންގެ ކާޓޫން ކުރެހުމުގައި އަރާހުރި ނޫހެކެވެ. އަދި މިފަދަ ކާޓޫންތަކާއި ގުޅިގެން ގިނަ ފާޑުކިޔުންތަކެއް މިނޫހަށް އަންނަނީ ކުރިމަތިވަމުންނެވެ. ނަމަވެސް، މިނިވަން ކަމުގެ ނަމުގައި މިނޫހުން އަންނަނީ މިމީހުންގެ މި ގޮތެއްނެތް އަމަލުތައް ދަމަހައްޓަމުންނެވެ.




