ފޮޓޯ: ވަގުތު/އިބްރާހިމް ޝާބިލް

މި މަހު 10 އިން ފެށިގެން ރާއްޖެ އަންނަ ޓޫރިސްޓުން ޕީސީއާރު ސެޓްފިކެޓް ހުށައަޅަން ޖެހޭނެ

އަންނަ ސެޕްޓެމްބަރ މަހުގެ 10 ވަނަ ދުވަހުން ފެށިގެން ޓޫރިސްޓުން ރާއްޖެ އަންނައިރު ކޮވިޑަށް ޓެސްޓު ކުރުމަށް ހަދާ ޕީސީއާރު ނެގެޓިވް ސެޓްފިކެޓު ހުށަހަޅަން ޖެހޭނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، ހުރިހާ އެންމެންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި، ރާއްޖެއަށް އަންނަ ފަތުރުވެރިންނާއި ކުރު މުއްދަތަށް އަންނަ މީހުންވެސް ނެގެޓިވް ޕީސީއާރު ސެޓްފިކެޓް ހުށައަޅަން މަޖުބޫރުވާގޮތަށް އެޗްޕީއޭ އިން އުސޫލު ބަދަލުކޮށްފައިވާ ކަމަށެވެ.

ކޮވިޑް-19ގައި ރާއްޖެ ލޮކްޑައުންކުރުމަށްފަހު ބޯޑަރުތައް މާރޗް މަހުގެ 27 ވަނަ ދުވަހު ބަންދުކޮށްފައިވާއިރު، އަލުން ބޯޑަރު ހުޅުވާލީ ޖުލައި މަހުގެ 15 ވަނަ ދުވަހު އެވެ. އަދި  އޭރު ރާއްޖެ އަންނަ ފަތުރުވެރިން އަތުގައި ނެގެޓިވް ނަތީޖާ އޮންނަ އުސޫލެއް ގާއިމްކޮށްފައިނުވެއެވެ.

އެޗް.ޕީ.އޭއިން ވަނީ ފަތުރުވެރިންނަށް ކޮވިޑް-19ގެ ޕީ.ސީ.އާރް ޓެސްޓް ހެދޭނެ އިންތިޒާމް ހަމަޖެހިފައިވާ ހޮސްޕިޓަލްތަކާއި، އެތަންތަނުން ޓެސްޓް ހަދައިދޭ އަގުތައް މިދިޔަ އޮގަސްޓް މަހުގެ 14 ވަނަ ދުވަހު އާއްމުކޮށްފައެވެ. އެގޮތުން މާލޭ ސަރަޙައްދުގައި ހިމެނޭ 3 ހޮސްޕިޓަލަކާއި، ރާއްޖޭގެ އުތުރުން ކުޅުދުއްފުށި ސިޓީއާއި އެންމެ ދެކުނުން އައްޑޫ ސިޓީގައި ފަތުރުވެރިންނަށް ކޯވިޑް-19 އަށް ޓެސްޓްކުރެވޭނެ އިންތިޒާމް އެޗް.ޕީ.އޭއިން ވަނީ ހަމަޖައްސާފައެވެ.

ފަތުރުވެރިންނަށް ކޮވިޑް-19އަށް ޕީ.ސީ.އާރް ޓެސްޓް ހެދޭނެ އިންތިޒާމް 5 ތަނެއްގައި ހަމަޖައްސާފައިވާއިރު، ސަފާރީ ބޯޓުތަކުން ދަތުރުކުރާ ފަތުރުވެރިންނަށް ޕީ.ސީ.އާރް ޓެސްޓް ހެދޭނެ އިންތިޒާމް ހުޅުމާލޭ ފެރީ ޓަރމިނަލް ހިމެނޭ ސަރަހައްދުގައި ވަނީ ހަމަޖައްސާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ