ބާ ކައުންސިލްގެ ތަމްރީނު ޕްރޮގުރާމް ނިންމި 277 ވަކީލުން ވަކީލުކަމުގެ ހުވާ މިއަދު ކުރައްވައިފިއެވެ.
މި 277 ވަކީލުންނަށް ވަކީލުކަމުގެ ހުވާ ލައިދެއްވައިފައިވަނީ މިއަދު ހަވީރު މިކަމަށްޓަކައި ބޭއްވި އޮންލައިން ހާއްސަ ރަސްމިއްޔާތެއްގައި ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.
ހަ ބެޗަކަށް ބަހާލައިގެން ވަކީލުކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތު މިޔަދު ކުރިއަށް ގެންދިޔައިރު މި ރަސްމިއްޔާތުގައިވަނީ އުއްތަމަފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންވެސް ބައިވެރިވެވަޑައިގެންފައެވެ. އަދި މި ރަސްމިއްޔާތުވަނީ ޔޫޓިއުބްލައިވް މެދުވެރިކޮށް ވަގުތުން ދައްކައިފައެވެ.
Congratulations to the 277 lawyers who took their oath today!
We look forward to your participation and engagement with @MvBarCouncil. #BarAdmission2020 pic.twitter.com/atojhnBFYL
— Bar Council of the Maldives (@MvBarCouncil) October 17, 2020
ބާ ކައުންސިލުން އެއްމަސްދުވަހުގެ ތަމްރީން ޕްރޮގުރާމެއް ކުރިއަށް ގެންގޮސް ވަކީލުންނަށް މިއަދު ހުވައިލައިދީފައި މިވަނީ، ގާނޫނުގައި ބުނާ ވަކީލުކަމުގެ ހުއްދަދެވޭނެ ބާ އިމްތިހާނު ބާ ކައުންސިލަށް ތައްޔާރު ނުކުރެވި އަހަރުދުވަސް ފާއިތުވެދިއުމުން މިމައްސަލައަށް ހައްލެއް ހޯދުމަށް ގާނޫނަށް ގެނައި އިސްލާހުގެ ދަށުންނެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކުރި މި އިސްލާހުގައި ބުނެފައިވަނީ މިހާރު ހުއްދަ ނުލިބި ތިބި ވަކީލުންނަށް ހާއްސަކޮށްގެން ބާ ކައުންސިލުން ހިންގާ އެއްމަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމުން ވަކީލު ކަމުގެ ހުއްދަ ދޭން ޖެހޭނެ ކަމަށެވެ.
މިހެންކަމުން މިއަދު ހުވާކުރި 277 ވަކީލުންވެސް ހުވާކޮށްފައިވަނީ ގާނޫނީ ވަކީލުކަމުގެ ވަގުތީ ހުވައެކެވެ. މި ވަކީލުންވެސް ބާކައުންސިލުން ބާއްވާ އިމްތިހާނުގައި ބައިވެރިވާން ޖެހޭނެއެވެ.