40 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ހދ. އަތޮޅުން ކ. އަތޮޅަށް ވައިޓް އެލާޓް ނެރެފި

ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ހދ. އަތޮޅުން ކ.އަތޮޅަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން މިއަދު ހަވީރު ނެރުނު ވައިޓް އެލާޓްގައި ބުނެފައިވަނީ، ހދ. އަތޮޅުން ކ. އަތޮޅާއި ދެމެދުގެ ރައްތަކަށް ހަވީރު 16:00 އިން މިރޭ 21:00 އާއި ދެމެދު ބޯކޮށްވާރެވެރި ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހުން އެކަށީގެންވާ ކަމަށެވެ.

ރާއްޖޭގެ މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

"ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން، އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން، ހުރިހައި ހިސާބަކަށްވެސް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެން ވޭ" މެޓް އޮފީހުން ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، 4-6  ފޫޓާއި ދެމެދުގައި ރާޅުގެ އުސްމިން އުޅޭއިރު ދިޔަވަރު ބޮޑުވާ ގަޑިތަކުގައި މެދުރާއްޖެތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ