އިންޑިއާ އާއި މެދު ވަހުމުތައް އުފެދެން ފަށާފައިވަނީ ސަރުކާރުގެ ހާރިޖީ ސިޔާސަތު ގެންގުޅޭ ގޮތުން ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވެފައިވަނީ ރާއްޖޭގެ މިނިވަންކަން ދެމެހެއްޓިފައިވަނީ ރާއްޖެ އާއި އިންޑިއާގެ ގުޅުން ވިސްނުންތެރިކަމާއި އެކު ގެންގުޅެގެން ކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ.
އެމަނިކުފާނު ވިދާޅުވީ، ދިވެހިންނާއި އިންޑިޔާގެ ގުޅުމަކީ ޒަމާންވީ ގުޅުމެއް ކަމަށެވެ.
“ރާއްޖޭގެ މިނިވަންކަން ދެމެހެއްޓިފައި މިވަނީ އަދި ދިވެހިންގެ ތަނަވަސްކަން ހޯދަދެވޭނީވެސް އެގުޅުން ވިސްނުންތެރިކަމާއެކު ގެންގުޅިގެން. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި އެމްޑީޕީގެ ވަޒީރުން އެކަންކުރައްވާނެކަމީ އަޅުގަނޑުގެ ހިތުގައި ޝައްކު ހިނގާނެ ކަމެއް ނޫން” ރައީސް ނަޝީދު ވިދާޅުވިއެވެ.
މިކަމަށް ރައްދު ދެއްވަމުން އާދަމް ޝަރީފް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ދަމަހައްޓާފައިވަނީ ދިވެހިން ކަމަށާއި އިންޑިއާ އާއި މެދު ވަހުމުތައް އުފެދެން ފަށާފައިވަނީ ސަރުކާރުގެ ހާރިޖީ ސިޔާސަތު ގެންގުޅޭ ގޮތުން ކަމަށެވެ. އަދި ވަހުމުތައް ފިލުވައިދީ، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ސަރުކާރުން ޖަވާބުދާރީ ވުމަށް އާދަމް ޝަރީފް ގޮވާލާފައި ވެއެވެ.
އިދިކޮޅު ގިނަ އަދަދެއްގެ ބަޔަކު އިންޑިއާ އިން ރާއްޖެއަށް އަތްގަދަ ކުރަމުންދާ ކަމަށް ބުނެ “އިންޑިއާއައުޓު” ގެ ނަމުގައި ސޯޝަލް މީޑިއާގައި ކެމްޕެއިނެއް ފައްޓާފައިވެއެވެ. އެގޮތުން ގިނަ ބަޔަކު އަންނަނީ މި ގައުމަށް އިންޑިއާ އިން އެހީތެރިކަން ދެނީ އިންޑިއާގެ އަސްކަރީ ސިފައިން ރާއްޖޭގައި ބެހެއްޓުމަށް ކަމަށް ބުނަމުންނެވެ. ނަމަވެސް ސަރުކާރުން ވަނީ އެކަން ދޮގު ކޮށްފައެވެ.




