ކޮވިޑް-19 ގެ ސަބަބުން އާމްދަނީއަށް ނުރަނގަޅު އަސަރުކުރި ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް އެންސްޕާއިން ދޫކޮށްފައިވަނީ އުޞޫލުތަކާއެއްގޮތަށްކަމަށް އޮޑިޓް ރިޕޯޓުގައި ހާމަކޮށްފިއެވެ.
އޮޑިޓަރ ޖެނަރަލް ނެރުއްވާފައިވާ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، "އެންސްޕާ" އާއި އާސަންދަ ކުންފުނިން ކޯވިޑް-19އާ ގުޅިގެން ޚަރަދުކުރިގޮތުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައިވާ ގޮތުން ކޮވިޑް-19 އާ ގުޅިގެން 20 މެއި 2020 އިން ފެށިގެން 30 ޖޫން 2010 ގެ ނިޔަލަށް ވަޒީފާގައި އުޅޭ ފަރާތްތަކާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް އިންކަމް ސަޕޯޓު އެލަވަންސްގެ ގޮތުގައި އެންސްޕާއިން ފައިސާ ދޫކޮށްފައިވަނީ ސަރުކާރުން އެކުލަވާލާފައިވާ "ކޮވިޑް-19 އާ ގުޅިގެން އާމްދަނީ އަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް ދިނުމުގެ އުޞޫލު" އަދި "ވެރިފިކޭޝަން ގައިޑްލައިން ފޯ އިންކަން ސަޕޯޓް ޕްރޮގްރާމް" އާ އެއްގޮތަށް ކޮށްފައިވާ ޚަރަދުތަކެއް ކަމަށެވެ.
އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ދިހަ މިލިޔަނަށްވުރެ ގިނަ ރުފިޔާ އެންސްޕާއިންވަނީ ދޫކޮށްފައެވެ.
މިރިޕޯރޓްގައި ވާގޮތުން ވަޒީފާ އަދާ ކުރާ މީހުންގެ ތެރެއިން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ 2042 މީހަކަށް 7،787،447 ރުފިޔާ އެލަވަންސްގެ ގޮތުގައި ދީފައިވާއިރު، އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުގެ ތެރެއިން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ 464 ފަރާތަކަށް 2،261،931 ރުފިޔާ އެލަވަންސްގެ ގޮތުގައި ވަނީ ދޫކޮށްފައެވެ. އެގޮތުން ގޮތުގައި އެންސްޕާއިންން ދޫކޮށްފައިވަނީ ޖުމުލަ 10،049378 (ދިހަ މިލިއަން ސާޅީސް ނުވަ ހާސް ތިން ސަތޭކަ ހަތްދިހަ އަށް ރުފިޔާ) އެވެ.
"ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓު އެލަވަންސް ދިނުމާގުޅޭ އުސޫލު" ގެ 5 ވަނަ މާއްދާގެ (ހ) ދަށުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން އިންކަމް ސަޕޯޓު އެލަވަންސް ދިނުމަށް ހަމަޖެހިފައިވަނީ 1 މާރިޗު 2020 ގެ ފަހުން، ކޮވިޑް-19 އާ ގުޅިގެން އެ ބައެއްގެ ވަޒީފާއަށް ތިރީގައިވާ ހާލަތްތައް މެދުވެރިވެފައިވާ ފަރާތްތަކަށެވެ.
- ވަޒީފާއިން ވަކިކުރުން، ނުވަތަ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައިވުން؛
- މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ (ނޯޖޭ ލީވް) އަށް ފޮނުވައިފައިވުން؛
- މުސާރައިގެ ގޮތުގައި ލިބޭ އަދަދުން ބައެއް އުނިކޮށްފައިވުން.



