ބަންގުލަދޭޝް މިސްކިތެއްގެ ބޭރުގައި ގޮވި ގޮވުމެއްގެ ސަބަބުން 16 މީހުން މަރުވެއްޖެ

ބަންގުލަދޭޝްގެ މިސްކިތެއް ބޭރުގައި ގޮވި ގޮވުމުގެ ސަބަބުން 16 މީހުން މަރުވެ ގިނަ ބަޔަކަށް ބޮޑެތި ގެއްލުން ތަކެއް ލިބިއްޖެއެވެ.

ރޭ ހިނގި މިހާދިސާގައި ގޮވައިފައިވަނީ ގޭސް ހޮޅިއެއް ކަމަށް މައުލޫމާތު ލިބެއެވެ. އަދި މި ގޮވުން ގޮވަން ދިމާވި ވަގުތަކީ މިސްކިތުގެ ޖަމާއަތުގައި ގިނަ ބަޔަކު އަޅުކަން ކުރަމުން ދިޔަ ވަގުތެއްކަމަށްވެސް މައުލޫމާތު ލިބެއެވެ.

މިހާދިސާގައި ގެއްލުން ލިބުނު ގިނަ އަދަދެއްގެ މީހުން ބަންގުލަދޭޝްގެ ވެރިރަށް ޑާކާގައި ހުންނަ ޕުލާސްޓިކް ސާޖަރީ ހެދުމަށާއި އަދި ފިހޭ މީހުންނަށް ފަރުވާދިނުމަށް ހާއްސަ ހޮސްޕިޓަލަކަށް ގެންގޮސް ފަރުވާ ދީފައިވާއިރު ފަރުވާ ދެމުންދަނިކޮށް ހަތް އަހަރުގެ ކުޑަ ފިރެހެން ކުއްޖަކުވަނީ މަރުވެފައެވެ.

ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ހަވާލާދީ ބަންގުލަދޭޝްގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަށިގަނޑުގެ 90 އިންސައްތަ ފިހެވިފައިވާ 37 މީހަކަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ.

ފަޔާ ނިންމުމުގަ ހަރަކާތްތެރިވި ފަރާތްތަކުން ބުނެފައިވަނީ މި ގޮވުން ގޮވަން ދިމާވި ކަމަށް ބެލެވެނީ ގޭސް ހޮޅިން ލީކުވި ގޭސްތައް މިސްކިތް ތެރޭގައި ޖަމާވުމުގެ ސަބަބުން ކަމަށެވެ.

މިހާދިސާގައި މިސްކިތް ތެރޭގައި ހަރުކޮށްފައި ހުރި ހަ އެއާކޮންޑިޝަނަރވެސްވަނީ ގޮވައިފައެވެ. ކަމާބެހޭ ފަރާތްތަކުން މިހާރު އަންނަނީ މިހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް މިމައްސަލަ ތަހުގީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ