ފީވައް ކަނު އަނދިރީގައި، ރައްޔިތުން މުޒާހަރާގައި

ށ.ފީވަކުން ކަރަންޓު ކެނޑި މުޅިރަށް އަނދިރީގައި އޮންނަތާ ހަތަރު ގަޑިއިރަށްވުރެ ގިނައިރުވެފައިވާއިރު، ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުން އެދި ރައްޔިތުން މުޒާހަރާ ކުރަންފަށައިފިއެވެ.

ފީވަކު ކައުންސިލްގެ ރައީސް ހަސަން ސުޖާއު "ފެށުމަށް" ވިދާޅުވީ، މިރޭ 11:00 ހާއިރުން ފެށިގެން ފީވަކުގައި ކަރަންޓު ނެތް ކަމަށާއި، ކަރަންޓުގެ މައްސަލައިގައި ރަށުގެ ރައްޔިތުން ހިތްހަމަ ނުޖެހުން ފާޅުކޮށް އިންޖީނުގޭ ކައިރީގައި އިހުތިޖާޖު ކުރަމުންދާ ކަމަށެވެ.

ފީވަކުގެ ކަރަންޓު މައްސަލައަށް ހައެއްކަ މަސް ވެފައިވާ ކަމަށާއި، ކަރަންޓުގެ މައްސަލައަށް 60 ދުވަހުގެ ތެރޭގައި ހައްލު ހޯއްދަވައިދެއްވާނެކަމަށް ފެނަކަ ކޯޕަރޭޝަނުގެ އެމްޑީ ވިދާޅުވިފަހުންވެސް 90 ދުވަހަށްވުރެ ގިނަވެފައިވާއިރު އެއްވެސް ހައްލެއް ލިބިފައި ނުވާކަމަށް ފީވަކު ކައުންސިލްގެ ރައީސް ހަސަން ސުޖާއު ވިދާޅުވިއެވެ.

ސުޖާއު ވިދާޅުވީ، އެރަށަށް ކަރަންޓު ދިނުމަށްޓަކައި ބޭނުންކުރަމުންދަނީ 128ކވ ގެ ދެ ޖަނަރޭޓަރާއި 165ކވ ގެ ޖަނަރޭޓަރެއްގެ އިތުރުން ސިންކްރޮނައިޒްޑް ޕެނަލް ބޯޑެއް ކަމަށެވެ. ނަމަވެސް ރަމަޟާން މަސް ފެށުނީންސުރެވެސް ފަސް ހަފަހަރު ކަރަންޓު ނުކެނޑޭ ދުވަހެއް ނުދާކަމަށެވެ.

ކަރަންޓަށް ދިމާވަމުންދިޔަ މައްސަލަތައް ހައްލުކުރުމަށްޓަކައި މިމަހުގެ 17 ވީ ހުކުރު ދުވަހު މުޅި ރަށުން ކަރަންޓު ކަނޑާލައިގެން މަރާމާތުގެ މަސައްކަތްތަކެއް ކުރި ކަމަށާއި، ނަމަވެސް އެއަށް ފަހުގައި ކޮންމެ ދުވަހަކުވެސް ކަރަންޓު ކެނޑޭކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ފީވަކުގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ކުޅުދުއްފުށިން ޓެކްނިކަލް ޓީމެއް އައިސް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، އެ ޓީމު ފީވަކުން ދިޔައީ މިއަދު ކަމަށް ސުޖާއު ވިދާޅުވިއެވެ. އަދި އެ މަސައްކަތްތަކަށް ފަހު 4 ގަޑިއިރު ވަރު ކަރަންޓު ނުކެނޑި ހުރި ކަމަށާއި، ނަމަވެސް އަނެއްކާވެސް ކަރަންޓު ކެނޑެން ފެށީ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކަރަންޓު ކެނޑޭ ކޮންމެ ފަހަރަކު ކަރަންޓު ސާމާނަށް ބޮޑެތި ގެއްލުންތަކެއް ލިބޭ، މިރޭވެސް ކަރަންޓު ކެނޑުނީ ކަރަންޓު ޝޮކެއް ލިބި ގިނަ މުދާތަކެއް ހަލާކުވާ ގޮތަށް. އެހެންވެ ރައްޔިތުން ބޭނުންވަނީ ފެނަކައިން ޒިންމާވާގޮތަށް ދެން ކަރަންޓުދޭން. ފެނަކައިން އެގޮތަށް އެއްބަހެއް ނުވޭ." ސުޖާއު ވިދާޅުވިއެވެ.

ސުޖާއު އިތުރަށް ވިދާޅުވީ، ރަށު ރައްޔިތުން ކަހަލަ ގޮތަކަށް ތިބީ ފެނަކަ އިންޖީނުގޭ ކައިރިއަށް އެއްވެ ކަމަށާއި، ފެނަކައިން ޒިންމާ ނުވާގޮތަށް ކަރަންޓު ދޭން ރައްޔިތުން ބޭނުން ނުވާ ކަމަށެވެ. އެހެންވެގެން އަދިވެސް އިންޖީނުގޭގައި ފިޔަވާ އެހެން ތާކު ކަރަންޓު ނެތްކަމަށް ސުޖާއު ވިދާޅުވިއެވެ.

ކަރަންޓުގެ މައްސަލައިގައި ރައްޔިތުން ހިތްހަމަ ނުޖެހި، ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭގަނޑު ކަރަންޓު ނެތި އިޖުތިޖާޖު ކުރަމުންދާއިރުވެސް މައްސަލައަށް ހައްލެއް ހޯދައިދެވޭނެ ދުވަހެއް ބުނަން ނޭނގޭކަމަށް، ފެނަކައިގެ އޮފިޝަލުންނާ ހަވާލާދީ ފީވަކު ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ރަމަޟާން މަހު ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް 39 ކަނަރޭޓަރެއް ރާއްޖޭގެ ކަންކޮޅުތަކަށް ފޮނުވާފައިވާކަމަށް ފެނަކައިން ބުނެފައިވީ ނަމަވެސް، ފީވަކަށް ޖަނަރޭޓަރެއް ލިބިފައި ނުވާކަމަށް އެރަށު ކައުންސިލުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ