މި ދަތި ވަގުތުގައި ރައީސް ހުއްނެވީ ވަރަށް ގަދަކޮށް: ޖާބިރު

މި ދަތި ވަގުތުގައިވެސް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ހުންނެވީ ވަރަށް ގަދަކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހްއާއި މިއަދު ބައްދަލުވިކަން ހާމަކުރަމުން ޖާބިރު ދާދި ދެންމެއަކު ކުރި ޓުވީޓެއްގައި ބުނެފައިވަނީ، ރައީސް ސޯލިހްއާއި މިއަދު ބައްދަލުވުމުން އުފާކުރާ ކަމަށާއި، މި ދަތި ވަގުތުގައިވެސް ރައީސް ހުއްނެވީ ވަރަށް ގަދަކޮށް ކަމަށެވެ.

ރައީސް ސޯލިހް އަށާއި އަދި މި ސަރުކާރަށްވެސް މިފަހުން ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އަންނަ ޖާބިރު މިރޭ ކުރެއްވި ޓުވީޓުގައި ރައީސް ސޯލިހްއަށްވަނީ ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފައެވެ. މިގޮތުން ރައީސް ސޯލިހްގެ ޒައާމަތުގައި ރާއްޖޭގެ އިގުތިސާދު އިންތިހާއަށް ކުރިއަރާ ދިއުމަށް އެދޭކަން ފާހަގަކޮށް ޖާބިރު ބުނެފައިވަނީ މި މަސައްކަތުގައި އެހީތެރިވެދޭން ތައްޔާރަށް ހުރި ކަމަށެވެ.

އެމްޑީޕީ މެންބަރެއްގެ ގޮތުގައި ހުންނަވާ ކާށިދޫ ދާއިރާގެ ޕުރައިމަރީއަށް ވާދަކުރައްވާ ނާކާމިޔާބީއާއި ކުރިމަތިވެ ވަޑައިގެންނެވުމުން އަމިއްލަ ގޮތުން މަޖިލިސް އިންތިހާބުގައި ކާށިދޫ ދާއިރާއަށް ކުރިމަތިލައްވައި ގޮނޑި ކާމިޔާބުކުރެއްވި ޖާބިރު ޑީއާރުޕީއަށް ސޮއިކުރައްވާ އެޕާޓީގެ ލީޑަރުކަން ލިބިވަޑައިގެންނެވުމަށްފަހު ޕާޓީ ސިޔާސީ ގޮތުން ބާރުގަދަ ކުރެއްވުމަށް މިފަހުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

މީގެއިތުރުން ޖާބިރު މިހާރު އެންމެ ބޮޑަށް ވަކާލާތު ކުރައްވަމުން ގެންދަނީ ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރެއްވުމަށެވެ. ބަރުލަމާނީ ނިޒާމަކީ ވެރިކަން ހިނގުމުގެ ބާރު ރައީސް އަތުން ހަނިކޮށް ބޮޑުވަޒީރަށް އެބާރުދޭ ވެރިކަމުގެ ނިޒާމެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ