ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު--

ޖާބިރު ހައްޔަރުކޮށްފި

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހައްޔަރުކޮށްފިއެެވެ.

ޖާބިރު ހައްޔަރުކުރިކަން ފުލުހުން ރައްޔިތުންގެ މަޖިލީހަށް އަންގާފައިވާކަން  މަޖިލީހުގެ އިސް އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ. މަޖިލިސް މެންބަރަކު ހައްޔަރުކޮށްފިނަމަ އެކަން މަޖިލީހުގެ އިދާރާއަށް އެންގުމަކީ ފުލުހުންނަށް ލާޒިމުކަމެކެވެ.

ނަމަވެސް އިތުރު އެހެން ރަސްމީ އިދާރާއަކުން، ޖާބިރު ހައްޔަރުކުރިކަން އަދި ރަސްމީކޮށެއް ނާންގައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި، ޖާބިރު ހައްޔަރު ކުރީ އޭނާ ކޯޓަށް ހާޒިރުކޮށް ދިނުމަށް އެދި ސިވިލް ކޯޓުން ކޮށްފައިވާ އަމުރެއް ތަންފީޒު ކުރުމުގެ ގޮތުން މިއަދުގެ ވަގުތެއްގައެވެ. ޖާބިރު ހައްޔަރު ކުރީ ގއ. އަތޮޅުގެ ފަޅު ރަށެއްގައި ހުންނަވަނިކޮށެވެ. އަދި ހައްޔަރުކޮށްގެން ގެންދިޔައީ، ގދ. ތިނަދޫ އަށެވެ.

ޖާބިރު ހައްޔަރުކޮށް، ކޯޓަށް ޙާޒިރުކޮށްފައިވަނީ މުވައްޒަފަކަށް މުސާރަ ނުދިން މައްސަލައެއްގައެވެ.

ވަޒީފާއާއި ބެހޭ ޓްރައިބިއުލުން ކޮށްފައިވާ އެހުކުމް ތަންފީޒްކުރުމަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ އެ މައްސަލައިގައި ޖާބިރު ހައްޔަރުކޮށްގެން ސިވިލް ކޯޓަށް ހާޒިރު ކުރުމަށް އަމުރު ކުރީ މިދިޔަ އާދީއްތަ ދުވަހުއެވެ.

*****

މިފަހަކަށް އައިސް ޖާބިރުގެ އެތައް އަޙްލާޤީ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އަދި އއ. މަތިވެރީގައި ހުންނަ ކާށިދޫ ދާއިރާގެ މެންބަރު އަބްދުالله ޖާބިރުގެ ގެސްޓް ހައުސް، ކާސާ މިއާގެ ކަންކަމުގައި އެ ރަށު ރައްޔިތުންނާއި ޖާބިރު އާއި ދެމެދު ބޮޑެތި ހަމަނުޖެހުންތަކެއްވެސް ވަނީ ހިނގައިފަ އެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ޖާބިރު އއ. މަތިވެރިން ވަޑައިގަތުމުން އޭނާއާ ދެކޮޅަށް ރައްޔިތުން ނިކުމެ ވަނީ އިހުތިޖާޖުކޮށްފައެވެ. އަދި މި މައްސަލައިގައި އޭގެ އަނެއް ދުވަހު އޮތް ރައްޔިތުން މަޖިލިސް ޖަލްސާގައި ޖާބިރު ވަނީ، މަތިވެރީގައި ހަރުކަށި ފިކުރުގެ ޖަމާއަތެއް ކަމަށްވާ އައިސިސްގެ މެންބަރުން އުޅޭކަމަށް ތުހުމަތުކޮށްފައެވެ.

ޖާބިރު މަތިވެރީގައި ހިންގާ ކާސާ މިޔާ ގެސްޓު ހައުސަކީ، 50 ކޮޓަރީގެ ބޮޑު ގެސްޓްހައުސް އެކެވެ. އެ ރަށު މީހުން ޖާބިރު އާއި ދެކޮޅަށް ނިކުމެފައިވަނީ، އެ ގެސްޓްހައުސްގައި މަސައްކަތްކުރާ މީހަކަށް މުސާރަ ނުދޭ މައްސަލައަކާއި އަދި ގެސްޓްހައުސްގެ ބިމު ކުއްޔަށް ދައްކަން ޖެހޭ 4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖާބިރު ނުދައްކަވާ އޮތުމުން ކަމަށް ބުނެއެވެ.

އަދި އޭގެފަހުން ޖާބިރުގެ ގެސްޓް ހައުސްއެއްގައި މީހަކު ރަހީނުކޮށް އަނިޔާކުރި ކަމުގެ ތުހުމަތުވެސް މަތިވެރި ކައުންސިލުން ޖާބިރަށް ވަނީ ކޮށްފައެވެ.

މީގެ އިތުރުން، ސިވިލް ކޯޓުން މިފަހަކުން ވަނީ ޖާބިރުގެ ޕާސްޕޯޓް ވެސް ހިފަހައްޓައިފައެވެ. ނަމަވެސް ފަހުން އޭނާ ފުރުމުގެ ފުރުސަތު ކޯޓުން ދިނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ