ސްޕެއިންގެ ޤައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިއަކަށް ބާސެލޯނާއަށް ކުޅެމުން އަންނަ އަންސޫ ފާޓީ ވެއްޖެއެވެ.
ފާޓީ މިމަޤާމަށް އައިސްފައިވަނީ ރޭ ޔޫއެފާ ނޭޝަންސް ލީގުގައި ޔޫކްރެއިންއާއި ދެކޮޅަށް ކުޅުނު މެޗުގައި ކާމިޔާބުކޮށްދިން ލަނޑާއެކުގައެވެ. ރޭގެ މެޗުން ޔޫކްރެއިންގެ މައްޗަށް ސްޕެއިނުން ކުރި ހޯދާފައިވަނީ 4-0 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުގައި ޖެހި ލަނޑާއެކު ފާޓީ މިރެކޯޑު ހަދާފައިވާއިރު، އޭނާގެ އުމުރަކީ 17 އަހަރާއި 311 ދުވަހެވެ. މީގެކުރިން މިރެކޯޑު އޮތް ޔުއާން އެރަޒްކުއިން ސްޕެއިންއަށް ލަނޑު ޖަހައިދިންއިރު، އުމުރަކީ 18 އަހަރާއި 344 ދުވަހެވެ. އެރަޒްކުރއިން މިރެކޯޑު ހަދާފައިވަނީ 1925 ވަނަ އަހަރު ސްވިޒަލެންޑާއި ދެކޮޅަށް ކުޅުނު މެޗެއްގައެވެ. އެހެންކަމުން ފާޓީ މިރެކޯޑު މުގުރާލާފައި މިވަނީ 95 އަހަރު ފަހުންނެވެ.
1 - Ansu Fati in his first start for Spain ??:
1 goal
6 shots - 1st in match
2 shots on target
2 chances created
6 dribbles attempted - 1st in match
10 touches in opp box - 1st in match
1 penalty won - 1st in matchSpectacular. pic.twitter.com/6uPX8FXMgG
— OptaJose (@OptaJose) September 6, 2020
ޒުވާން އުމުރުގައި ގިނަ ރެކޯޑުތަކެއް ހަދަމުން އަންނަ ފާޓީއަކީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައިވެސް ލަނޑުޖެހި އެންމެ ޒުވާން ކުޅުންތެރިޔާއެވެ. އަދި ލަލީގާގައި ބާސެލޯނާއަށް ލަނޑު ޖަހައިދިން އެންމެ ޒުވާންކުޅުންތެރިޔާގެ އިތުރުން ލަލީގާެ ތާރީޚުގައި އެއް މެޗެއްގައި ދެ ލަނޑުޖެހި އެންމެ ޒުވާން ކުޅުންތެރިޔާއަކީވެސް ފާޓީއެވެ.
މީގެއިތުރުން ޔޫއެފާ ނޭޝަންސް ލީގުގައި މިހާތަނަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާއަކީވެސް ފާޓީއެވެ.
ޕޯޗުގީސް ކޮލޮނީއެއްގެ ގޮތުގައި މީގެ ކުރިން އޮތް ގިނީ ބިސާއު އަށް އުފަން އަންސޫ ފާޓީ ސްޕެއިންގެ ސެވިއްލޭއަށް އާޢިލާއާއެކު ދިރިއުޅުން ބަދަލުކުރިއިރު އުމުރަކީ އެންމެ ހަ އަހަރެވެ. އޭނާ އެންމެ ފުރަތަމަ ކުޅުނީ ހެރޭރާ ކިޔާ ޔޫތު ޓީމަކަށެވެ. ފާޓީއަށް ސްޕެއިންގެ ރަށްވެހިކަން ދީފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. ސްޕެއިން ސަރުކާރުން އަންސޫ ފާޓީ އަށް ރަށްވެހިކަން ދިނުމުގެ ކަންތައްތައް އަވަސްކޮށްފައިވަނީ އެހެން ގައުމުތަކުން ވެސް އޭނާ އަށް ހުށަހެޅުންތައް ހުށަހަޅަމުން ދަނިކޮށެވެ.
ސްޕެއިންއިން ކޮންޓްރޯލްކުރި މިމެޗުގައި ސްޕެއިނުންް ޖެހި އަނެއް ތިން ލަނޑު ޖަހާދީފައިވަނީ ސާޖިއޯ ރާމޯސް އަދި ފެރެން ޓޮރޭސްއެވެ. ރާމޯސްވަނީ ރޭގެ މެޗުގައި ދެލަނޑު ޖަހާފައެވެ. ރޭގެ މެޗުގައި ރާމޯސް ޖެހި ދެ ލަނޑާއެކު އޭނާ ސްޕެއިން ޤައުމީ ޓީމަށް ކާމިޔާބުކޮށްދިން ލަނޑުގެ އަދަދުވަނީ 23 އަށް އަރާފައެވެ.



