ކޮރަޕްޝަނާއި ވައްކަން ހުއްޓުވަން އައި ސަރުކާރުގެ ހާލަތު މި ހިސާބަށް ދިއުމަކީ ލަދުވެތިކަމެއް ކަމެއްކަމުގައި މަލޭ ސިޓީ މޭޔަރ ކަމަށް ވާދަކުރައްވާ އަލްހާން ފަހުމީ ވިދަޅުވެއްޖެއެވެ.
އަލްހާން މިހެން ވިދާޅުވެފައި މިވަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ފަންޑްކޮށްފައިވާ މަޝްރޫޢެއްގައި ކޮރަޕްޝަން ހިމެނިފައިވާކަމަށް ވިދާޅުވެ އެ މަޝްރޫޢު ހުއްޓާލުމަށް އެ ބޭންކް އިން އެންގުމާއި ގުޅިގެންނެވެ.
މިކަމާއި ގުޅުގެން އަލްހާން ވިދާޅުވެފައި ވަނީ ކޮރަޕްޝަނާ ފަސާދައާ ވައްކަން ހުއްޓުވަން ވައުދުވީ ސަރުކާރުގެ ހާލަތު މިހިސާބަށް ދިއުމަކީ ލަދުވެތި ކަމެއްކަމަށާއި ސަރުކާރަށް އިތުބާރު ގެއްލިއްޖެކަމަށެވެ.
"ކޮރަޕްޝަނާ ފަސާދައާ ވައްކަން ހުއްޓުވަން ވައުދުވީ ސަރުކާރުގެ ހާލަތު މިހިސާބަށް ދިއުމަކީ ލަދުވެތި ކަމެއް! އިތުބާރު ގެއްލިއްޖެ!" އަލްހާން ވިދާޅުވެފައިވެއެވެ.
އޭޑީބީ އިން ފަންޑް ކޮށްފައިވަނީ އިކޮނޮމިކް މިނިސްޓްރީ އާއި އެތަނާ ގުޅުން ހުރި އިދާރާތަކުގެ ޚިދުމަތްތައް އެއް ވިއުގައަކުން ގުޅާލުމަށް "ނެޝަނަލް ސިންގަލް ވިންޑޯ ޕްރޮޖެކްޓް" ގެ ނަމުގައި ކުރިޔަށްގެންދާ މަޝްރޫޢެކެވެ.
މި މަޝްރޫޢަކީ 6.7 މިލިއަން ޑޮލަރު (100 މިލިއަން ދިވެހި ރުފިޔާ)ގެ އަގު ބޮޑު މަޝްރޫޢެކެވެ. މި މަޝްރޫޢު ކުރިޔަށް ގެންދިއުމަށް ހަވާލުކޮށްފައިވަނީ ޝަރުތު ހަމަނުވާ ކުންފުންޏަކާ ކަމަށް "މިހާރު" ނޫހުން ވަނީ ގެނެސްދީފައެވެ. އަދި އޭޑީބީ އިން އެންގުމުން އެ މަޝްރޫއު ނެޝަނަލް ޓެންޑާ ބޯޑުން މިހާރު ވަނީ ކެންސަލްކޮށްފައެވެ.
މިއީ މާލީ އެހީތެރިކަން ފޯރުކޮށްދޭ ބޭރުގެ ބޮޑު ޖަމާއަތަކުން މިފަދަ ގޮތަކަށް ރާއްޖޭގެ މަޝްރޫއުއެއް ހުއްޓުވި ފުރަތަމަ ފަހަރެވެ.



