2019 ވަނަ އަހަރު މަތީ ތަޢުލީމާއި ތަމްރީން ޕްރޮގްރާމްތަކުގައި 13999 ދަރިވަރުން ބައިވެރިވި

މަތީތަޢުލީމާއި ތަމްރީން ޕްރޮގްރާމްތަކުގައި ފާއިތުވި 2019 ވަނަ އަހަރު 13999 ދަރިވަރުން ބައިވެރިވެފައިވާކަމުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ހާމަ ކުރައްވައިފިއެވެ.

އެމިނިސްޓްރީ އިން މިކަން ހާމަ ކުރައްވާފައި ވަނީ އެމިނިސްޓްރީން ނެރުނު 2019 ވަނަ އަހަރުގެ މަތީ ތަޢުލީމާއި ތަމްރީނުގެ އަހަރީ ތަފާސް ހިސާބުގައެވެ.

އެގޮތުން މިއަދު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގައި ބޭއްވި އިވެންޓެއްގައި 2019 ވަނަ އަހަރުގެ ޔުނިވަރސިޓީ އަދި ކޮލެޖްތަކުގެ ތަފާސް ހިސާބު ހިމެނޭ ފޮތް ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވަނީ ނެރެދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުން މިނިސްޓަރ ވިދަޅުވީ މިއަދު މި ޝާޢިއުކުރެވޭ ފޮތަކީ ކިޔަވާ ކުދިންނަށާއި، މުދައްރިސުންނަށާއި، ޢިލްމީ ދިރާސާތައް ކުރައްވާ ބޭފުޅުންނަށް ވަރަށް މުހިންމު ފޮތަކަށްވެގެންދާނެ ކަމަށާއި، ޤައުމެއް ތަރައްގީވުމުގައި އެއްމެ ބޮޑު އެއް ދައުރެއް އަދާކުރާކަމަކީ މައުލޫމާތުގެ އަލީގައި ކަންކަން ނިންމުމުގެ ފުރުސަތު ފަހިވެގެން ދިއުންކަމަށެވެ. އަދި އިންސާނީ ވަސީލަތް ތަރައްގީކުރުމުގައި އެއްމެ މުހިއްމު ކަމަކީ މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާލާއިރު، މަތީ ތައުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ގޮތުގައި ކޮލެޖް އަދި ޔުނިވަރސިޓީތަކުން 2019 ވަނަ އަހަރު 843 ޕްރޮގްރާމެއް ހިންގާފައިވާއިރު، މި ޕްރޮގްރާމްތަކުގައި 13999 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

އެއްމެ ގިނަ ދަރިވަރުން ކިޔަވާފައިވާ ދާއިރާގެ ގޮތުގައި ފާހަގަވެފައިވަނީ ބިޒްނަސް، އެޑްމިނިސްޓްރޭޝަން އެންޑް ލޯ، އެޑިއުކޭޝަން އަދި އާރޓްސް އެންޑް ހިއުމަނިޓީސްއެވެ. ނެޗުރަސް ސައިންސް، މެތެމެޓިކް އަދި ސްޓެޓިސްޓިކްސް ފާހަގަވެފައިވަނީ އެއްމެ މަދުން ދަރިވަރުން ކިޔަވާ ދާއިރާތަކުގެ ގޮތުގައެވެ.

އެއްމެ ގިނައިން ހިންގާފައިވަނީ ޑިގްރީ އަދި ސެޓްފިކެޓް ލެވެލް 4 ގެ ޕްރޮގްރާމްތަކެވެ. މި ތަފާސް ހިސާބުން ދައްކާގޮތުގައި 2019 ވަނަ އަހަރު މަތީ ތައުލީމާއި ތަމްރީނުގައި ބައިވެރިވި އަންހެނުންގެ ނިސްބަތަކީ 59 އިންސައްތައެވެ. އަދި މިވަގުތު މަތީ ތައުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގައި ޖުމުލަ 64 އިންސައްތަ އަންހެނުން ބައިވާކަމުގައިވެސް މި ތަފާސް ހިސާބުތަކުން ދައްކައެވެ.

2019 ވަނަ އަހަރު ދަސްވެނިވި ނިސްބަތަށް ބަލާއިރު 37 އިންސައްތަ ފިރެހެނުން ވަނީ މަތީ ތައުލީމާއި ތަމްރީނު ޕްރޮގްރާމްތަކުން ދަސްވެނިވެފައެވެ. އެއްމެ ގިނައިން ދަރިވަރުން ދަސްވެނިވެފައިވާ ދާއިރާތަކުގެ ގޮތުގައި ފާހަގަވަނީ ބިޒްނަސް، އެޑްމިނިސްޓްރޭޝަން، ލޯ، އައިޓީ، ޕްރައިމެރީ ޓީޗިންގް އަދި ޕްރީ ސްކޫލް ޓީޗިންގއެވެ.

އަހަރުތަކަކަށްފަހު، މަތީ ތައުލީމާއި ތަމްރީނާއި ގުޅޭ ތަފާސް ހިސާބު އާއްމުކުރެވިގެން މިދިޔައީ ޔުނިވަރސިޓީ އަދި ކޮލެޖްތަކުގެ ވަރަށް ބޮޑު ބައިވެރުވުމަކާއެކުކަން އެ މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ