އެމެރިކާއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 2 ލައްކަ އާއި ގާތަށް!

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް މިހާތަނަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ޤައުމުކަމަށްވާ އެމެރިކާގައި މިބަލީގައި ނިޔާވި މީހުންގެ އަދަދު 2 ލައްކައާއި ކައިރިކޮއްފިއެވެ.

ކޮވިޑް-19ގެ އެންމެފަހުގެ މައުލޫމާތުތަކަށް ބަލާއިރު، އެމެރިކާއިން ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 6,464,064 އަރައިފައެވެ. މިއީ މުޅި ދުނިޔެއިން ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ ހަތަރުބައިކުޅަ އެއްބަޔާ ގާތްކުރާ އަދަދެކެވެ.

ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑަށް ކުރި އެމެރިކާއިން މިހާތަނަށް މިބަލީގައި މަރުވި މީހުންގެ އަދަދުއުޅެނީ، 193,266 ގައެވެ. އަދި މިބަލިން މިހާތަނަށް އެމެރިކާއިން ރަނގަޅުވި މީހުންގެ އަދަދަކީ 3,726,119 އެވެ.

އެމެރިކާގައި މިވަގުތު އެކްޓިވް ކޭސަސްގެ އަދަދު 2,544,679 ގައި އުޅޭއިރު މީގެތެރެއިން 14,694 މީހުންވަނީ ސީރިއަސް ހާލަތުގައެވެ.

ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ގައުމަކީ ޗައިނާ ނަމަވެސް މިބަލި ފެތުރުން ކޮންޓުރޯލް ކުރުމުގައި ޗައިނާއިންވަނީ ބޮޑު ކުރިއެރުންތަކެއް ހޯދައިފައެވެ. މިއާހިލާފަށް އެމެރިކާގައި މިބަލި ފެތުރުން ކޮންޓުރޯލް ކުރުމަށް ސިއްހީ އިދާރާތަކުން އަޅަމުންދާ ފިޔަވަޅުތަކަށް ބޯލަބަމުންދަނީ މަދު ބަޔެކެވެ.

މުޅި ދުނިޔޭގެ ކޮވިޑް-19ގެ ތަފާސްހިސާބުތަކަށް ބަލައިލާއިރު މުޅި ދުނިޔެއިން މިހާތަނަށް މިބައްޔަށް ޕޮޒިޓިވުވި މީހުންގެ އަދަދަކީ، 27,339,205 އެވެ. މިބަލިން ރަނގަޅުވި މީހުންގެ އަދަދު 19,412,342 ގައި އުޅޭއިރު މިބަލީގައި ނިޔާވި މީހުންގެ އަދަދަކީ 893,799 އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ