ސަރުކާރަކީ އޭގެ ޒާތުގާ ރައްޔިތުންގެ މައްޗަށް އަބަދުވެސް އަނިޔާވެރިވާނެ އެއްޗެއް: އިބްރާ

ސަރުކާރަކީ އޭގެ ޒާތުގާ ރައްޔިތުންގެ މައްޗަށް އަބަދުވެސް އަނިޔާވެރިވާނެ އެއްޗެއްކަން ގަބޫލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ކުރީގެ ރައީސްކަންވެސް ކުރައްވައިފައިވާ އިބްރާ މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސަރުކާރަކީ އޭގެ ޒާތުގައި ރައްޔިތުންގެ މައްޗަށް އަބަދުވެސް އަނިޔާވެރިވާނެ އެއްޗެއް ކަން ގަބޫލުކުރަން ޖެހޭ ކަމަށެވެ. އެއީ ވަކި މީހެއް ވަކި މަގާމެއްގައި ހުރުމަކުން ބަދަލްވާނޭ ކަމެއް ނޫން ކަމަށެވެ.

އިބްރާ މިމޭރުމުން ވާހަކަފުޅު ދައްކަވައިފައި މިވަނީ ސަރުކާރާއިމެދު ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވަމުން އަންނަ ދުވަސް ވަރެއްގައެވެ. މިގޮތުން ސަރުކާރަށް މިވަގުތު އަމާޒުވާ އެންމެ ބޮޑު ފާޑުކިޔުންތަކުގެ ތެރޭގައި ވައްކަމާއި ކޮރަޕްޝަން ހުއްޓުވާނެ ކަމަށް ވިދާޅުވެ އައިސް މިސަރުކާރުންވެސް ކޮރަޕްޝަނުގެ އަމަލުތައް ހިނގާކަމަށް ތުހުމަތު ކުރެވެއެވެ.

އިބްރާގެ ކޮއްކޮ އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް، އެމްޑީޕީގެ ތެރޭގައި ބާރުގަދަ ކުރައްވައި ޕާޓީގެ ކޮންޓްރޯލް އަތުލައްވަން އުޅޭ ކަމުގެ ތުހުމަތާ އެކު، އިތުބާރު ނެތް ކަމުގެ ވޯޓަކުން މަގާމުން ދުރު ކުރެއްވުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި މީގެކުރިންވަނީ ކުރައްވައިފައެވެ.

މީގެއިތުރުން ނަޝީދު މިހާރު އަންނަނީ ފައްޔާޒުގެ މައްސަލަ އެމްޑީޕީގެ ގައުމީ މަޖިލިހަށް ހުށަހަޅުއްވައި، އެއާ މެދު އެ ޕާޓީން ގޮތެއް ނިންމުމުގެ މަސައްކަތް ފަށައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ