ދިވެހި ކޮންމެ ރައްޔިތަކީވެސް އެޗްޕީއޭގެ މެމްބަރެއް: ޑރ.ނަޒްލާ

ދިވެހި ކޮންމެ ރައްޔިތަކީވެސް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މެމްބަރެއް ކަމަށް ހެލްތް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ، ދިވެހި ކޮންމެ ރައްޔިތަކީވެސް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މެމްބަރެއް ކަމަށެވެ.

ރާއްޖޭގައި ކޮވިޑް ފެތުރޭލެއް އިތުރުވުމާއި ގުޅިންގެ އިތުރު ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށާއި، މިފިޔަވަޅުތަކުގެ ނަތީޖާ ފެންނާނެކަމަށް ބެލެވެނީ މިމަހުގެ ފަހުކޮޅުގައި ކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

"މިއީ ތިޔަބޭފުޅުންކުރި ނޫނީ މިހާރުވެސް ކުރައްވަމުން ގެންދަވާ މަސައްކަތުން ނުކުންނާނެ ނަތީޖާ. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ދިވެހި ކޮންމެ ރައްޔިތަކީ އަދި މިވަގުތު ރާއްޖޭގައި ދިރިއުޅޭ ކޮންމެ މީހަކީވެސް އެޗްޕީއޭގެ މެމްބަރެއް، ކޮވިޑް ހުއްޓުވުމުގައި މަސައްކަތްކުރާނެ މީހެއް" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ހެލްތް ޕުރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކޮވިޑް-19ގެ އެންމެފަހުގެ މައުލޫމާތު ހާމަކުރަމުން މިރޭ ބުނީ، ރޭ 18:00 އިން މިރޭގެ 18:00 އަށް ކޮވިޑް-19 އަށް 83 މީހުން ޕޮޒިޓިވުވެފައިވާ ކަމަށެވެ.

އަލަށް މިބައްޔަށް ޕޮޒިޓިވުވި 83 މީހުންގެ ތެރޭގައި ހިމެނެނީ 61 ދިވެހިންނާއި 22 ބިދޭސީންނެވެ. އަދި މާލެއިން 82 މީހުން ޕޮޒިޓިވުވިއިރު އަތޮޅުތެރޭ ރައްތަކުން ޕޮޒިޓިވުވެފައިވަނީ އެކަކެވެ.

މިހާތަނަށް ތަކުރާރު ކުރެވުނު ސާމްޕަލާއެކު ޖުމްލަ 122،148 ސާމްޕަލް ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ނަގައިފައިވާއިރު މިބައްޔަށް ޕޮޒިޓިވުވި މީހުންގެ އަދަދަކީ 8،667 އެވެ.

ކޮވިޑް-19 ރާއްޖެއިން ފެނުނުތާ މިއަދަށް ހަމަސް ދުވަސް ވެފައިވާއިރު މިހާތަނަށް މިބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 6،052 އެވެ. އަދި މިވަގުތު މިބައްޔަށް ފަރުވާދެމުންދާ މީހުންގެ އަދަދަކީ2،580 އެވެ. މީގެތެރެއިން 142 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

އެޗްޕީއޭ އިން ލަފާކުރާ ގޮތުގައި ބަލި ކޮންޓުރޯލް ކުރުމަށް މިހާރު އަޅައިފައިވާ ފިޔަވަޅުތަކަށް އަމަލު ކުރެވޭނަމަ މިމަހުގެ ފަހުކޮޅު ބަލި ފެތުރޭ މިންވަރު ދައްވެގެން ދާނެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ