އިންޑިއާގެ ބޭއްވި އާންމު އިންތިހާބުގައި ތަފާތު ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައި ދެވަނަ ދައުރެއް ދިފާއުކުރެއްވި ބޮޑުވަޒީރު ނަރެންދުރަ މޯދީ އަންނަމަހު ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
އިތުބާރުހުރި ގޮތަކަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އިންޑިއާގެ ބޮޑުވަޒީރު މޯދީގެ ފުރަތަމަ މަންޒިލެއްގެ ގޮތުން އަންނަ ޖޫން މަހުގެ 7 އިން 8 އަށް ރާއްޖެ ވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފައެވެ.
މިކަމާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވީ، މޯދީ ރާއްޖެވަޑައިގަންވާކަން އަދި ރަސްމީކޮށް އެނގިވަޑައިގެންފައި ނުވާ ކަމަށާއި، ރާއްޖެ ވަޑައިގަންނަވާނަމަ ދެ ޤައުމުން އެއްބަސްވާ ތާރީޚެއް ހަމަޖެހުމުން އެކަން މީޑިއާއި ހިއްސާކުރައްވާނެ ކަމަށެވެ.
އިންޑިއާގެ ބޮޑުވަޒީރު މޯދީގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި އަންނަމަހު ރާއްޖެވަޑައިގަންނަވާނެ ކަމަށް މައުލޫމާތު ލިބިފައިވާއިރު، ވެރިކަންކުރާ ބީ.ޖޭ.ޕީ ހޯދި ކާމިޔާބީ ފާހަގަ ކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ފޯނުން ގުޅުއްވައި ދީއަށް ތަހުނިޔާ ވިދާޅުވެފައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވުމަށް ބޭއްވި ރަސްމީ ޖާއްސާއަގައި މޯދީ ބައިވެރިވެވަޑައިގެންފައިވާއިރު، ރައީސް ސޯލިހުގެ ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރެއްވީ އިންޑިއާއަށެވެ.
އިންޑިއާގެ ބައެއް ނޫސްތަކުންވެސް ރިޕޯޓް ކުރާ ގޮތުގައިވެސް ބޮޑުވަޒީރުގެ ހައިސިއްޔަތުން މިފަހަރު މޯދީ ކުރައްވާ ރަސްމީ ދަތުރުފުޅުގައި ވަޑައިގަންނަވާނެ ކަމަށް ބެލެވެނީ ދިވެހިރާއްޖެއަށެވެ.