އިންޑިއާގެ އަސްކަރީ މަތިންދާބޯޓުގެ ފޮޓޯއާއި ވީޑިއޯ ޑިލީޓު ކުރާކަށް އެއްވެސް ފަރާތަކަށް ނާންގާ ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.
މީޑިއާ އަށް މަޢުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ ހަނިމާދު އަށް މިއަދު ޖެއްސި އިންޑިއާގެ އަސްކަރިއްޔާގެ ދެ ބޯޓުގެ ފޮޓޯ އާއި ވީޑިއޯ ހިއްސާކުރި ކަމަށް ތުހުމަތުކޮށް ބަޔަކު ހައްޔަރުކޮށް ފޮޓޯއާއި ވީޑިއޯ ޑިލީޓްކުރި ކަމަށް ދައްކަވަނީ ދޮގު ވާހަކައެއް ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިންޑިއާގެ އަސްކަރިއްޔާގެ ދެ ބޯޓުގެ ފޮޓޯ އާއި ވީޑިއޯ ހިއްސާކުރި ކަމަށް ތުހުމަތުކޮށް ބަޔަކު ހައްޔަރުކޮށް ފޮޓޯއާއި ވީޑިއޯ ޑިލީޓްކުރި ކަމަށް ބައެއް ފަރާތްތަކާއި ހަވާލާދީ މީޑިއާތަކުން ރިޕޯރޓްކޮށްފައިވީނަމަވެސް އެފަދަ މައްސަލައަކާއި ގުޅިގެން އެއްވެސް ފަރާތަކާއި ފުލުހުން އެއްވެސް ކަހަލަ މުޢާލަމާތެއްކޮށްފައެއް ނުވާނެ ކަމަށެވެ.
އަދި މިކަމާއި ގުޅިގެން އެއްވެސް މީހަކު ފުލުހުން ހައްޔަރު ކޮށްފައި ނުވާ ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދެއްވާފައެވެ.
މިއަދު އިންޑިއާގެ 2 އަސްކަރީ މަތިންދާ ބޯޓު ހަނިމާދޫއަށް ޖައްސާފައިވަނީ ދިވެހި ރާއްޖޭގެ ސިފައިންނާއި އިންޑިއާގެ ނޭވީ ސިފައިން ގުޅިގެން ހިންގާ އޮޕަރޭޝަނަކަށް ކަމަށް އެމްއެންޑީއެފް އިން ވަނީ ވިދާޅުވެފައެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، އިންޑިއާގެ ޑޯނިއާ 2 މަތިންދާބޯޓު ރާއްޖެ އައިސްފައިވަނީ އެމްއެންޑީއެފްގެ ކޯސްޓްގާޑާއި އިންޑިއަން ނޭވީ ގުޅިގެން ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދު ބެލުމަށް ކުރިއަށް ގެންދާ އޮޕަރޭޝަން އަށް ކަމަށާއި މި އިންޑިއާ ސިފައިން މިމަހުގެ 16 ވަންދެން ރާއްޖޭގައި ތިބޭނެ ކަމަށެވެ.




