ގދ. ހޯނޑެއްދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި އުމުރުން ދުވަސްވީ ދެ މީހެއްގެ ހާލު ސީރިއަސްވެ، ފަރުވާ ދިނުމަށް، ގއ. ވިލިނގިލީގައި ހުންނަ ކޮވިޑް ފެސިލިޓީއަށް ގެންގޮސްފިއެވެ.
ހޯނޑެއްދޫ އިން ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވީ ހޯމް ކަރަންޓީނުގައި ތިބި ހަތަރު މީހެކެވެ. އޭގެ ފަހުން އެ މީހުންނާ ގުޅުމެއް ނެތް އިތުރު ދެ ކޭސް ފެނިފައިވާއިރު، މިހާތަނަށް 30 މީހަކު އެރަށުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެއެވެ. އަދި އޭގެރެއިން 21 މީހަކު ޕޮޒިޓިވްވެފައިވަނީ ރަށު ތެރެއިން ވަކި ތަރުތީބެއް ނެތި ނެގި ރެންޑަމް ސާމްޕަލްތަކަކުންނެވެ. އެރަށުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި 50 އަހަރުން މަތީގެ ފަސް މީހަކާއި އަހަރު ނުވާ ދެ ކުދިން ވެސް އޭގެ ތެރޭގައި ހިމެނެއެވެ.
އެރަށް މިހާރު އޮތީ މޮނިޓަރިންގެ ޙާލަތުގައެވެ. އަދި އެރަށުން ޕޮޒިޓިވްވި މީހުންގެ ކްލޯޒް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވި މީހުން މިހާރު ވަނީ ކަރަންޓީނުކޮށްފައެވެ. އެ މީހުންގެ ސާމްޕަލްތައް ނަގައި ޓެސްޓް ކުރުމުގެ ކަންކަން ވެސް ކުރަމުން އަންނައިރު، އެ މީހުންގެ ޓެސްޓްތަކުގެ ނަތީޖާއެއް އަދި ނުލިބޭކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
ގދ ހޯއްޑެއްދޫ ކޮވިޑް19 އަށް ފައްސިވެފައިވާ މީހުންގެ ތެރެއިން އުމުރުން ދުވަސްވީ ( ހައިރިސްކް ކެޓެގަރީގައި ...
Posted by Dr. Abdul Samad Memorial Hospital on Tuesday, September 8, 2020
ހޯނޑެއްދޫ ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު އަޝްރަފް މިނޫހަށް ވިދާޅުވީ، އެރަށުން ކޮވިޑަށް ޕޮޒިޓިވްވި ދެމީހަކު ހާލުދެރަވެގެން މިއަދު ވިލިނގިއްޔަށް ގެންގޮސްފައިވާކަމަށާއި، އެއީ ދެމަފިރިން ކަމަށެވެ. އަދި އެދެމީހުންނަކީ ދިގު މުއްދަތަކަށް ބޭސްކާ ބައެއްކަމަށްވެސް އަޝްރަފް ވިދާޅުވިއެވެ. މީގެއިތުރުން އަޝްރަފް ވިދާޅުވީ، އެދެމީހުން ފިޔަވައި އެ ރަށުން ބަލި ޖެހުނު އެހެން މީހުންގެ ހާލު ގޯސް ނޫން ކަމަށެވެ.
މިއަދު ލިބުނު ނަތީޖާތަކާއެކު ޖުމްލަ 30 މީހަކު އެރަށުން ކޮވިޑަށް ޕޮޒިޓިވްވެފައިވާކަމަށްވެސް މިނޫހަށް މަޢުލޫމާތު ދެއްވަމުން އަޝްރަފް ވިދާޅުވިއެވެ.
								
											

