ހައިކޯޓަށް ހުށަހަޅާ އިސްތިއުނާފުގެ މައްސަލަ ހައިކޯޓުން ބަލައިނުގެންފިނަމަ، ސުޕްރީމް ކޯޓުގައި އެކަން އިސްތިއުނާފުކުރުމުން ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައި ހިންގުމުގައި ޢަމަލުކުރަމުންއައި އިޖުރާއަތަށް ބަދަލުގެނެސްފިއެވެ.
މީގެ ކުރިން އަމަލުކުރަމުން އައިގޮތަށް ބަލާއިރު، ދަށުކޯޓުން ނިންމާ މައްސަލަތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއަށް ނުފެތޭ އިސްތިއުނާފުގެ މައްސަލައެއް ހައިކޯޓުގެ ރަޖިސްޓްރާރ ބަލައި ނުގަތުމަށް ނިންމުމުން، އެ މައްސަލައެއް ހައިކޯޓުގެ ފަނޑިޔާރުންނަށް އިސްތިއުނާފުކުރުމުގެ ޙައްޤު އިސްތިއުނާފުކުރާ ފަރާތަށް ލިބިގެންވެއެވެ.
ދިވެހި ރާއްޖޭގެ ސްޕްރީމްކޯޓުން އިއްޔެ ނެރުނު ޕްރެކްޓިސް ސްޓޭޓްމެންޓްގައި ބުނެފައިވަނީ، މި ބާވަތުގެ މައްސަލަތައް ބަލައިގަނެ ހިންގުމުގެ އިޖުރާއަތުގެ މަގުކުރުކޮށް މައްސަލަތައް އުވަސްކުރުމަށްޓަކައި ސުޕްރީމްކޯޓުން މިހާރު ހަމަޖައްސާފައިވަނީ، ދަށުކޯޓުން ނިންމި މައްސަލައިގެ އިސްތިއުނާފު ބަލައިނުގަތުމަށް ދިވެހިރާއްޖޭގެ
ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ ދަށުން ހައިކޯޓުން ނިންމަނީ އެ ކޯޓުގައި ހިންގޭ ޤަޟިއްޔާއަކުންކަމަށް ނުވާތީވެ،ހައިކޯޓުން ނިންމާ އެފަދަ އިޖުރާއީ ނިންމުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވިއްޖެނަމަ، އެ މައްސަލައަކީ ކޮންމެހެން އަޑުއެހުމެއް ނުބާއްވައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނިންމިދާނެ މައްސަލައެއްނަމަ، އެފަދަ މައްސަލައެއްގައި އަޑުއެހުމެއް ނުބާއްވައި، އިޖުރާއީ ގޮތުން އެ މައްސަލައެއް ސުޕްރީމް ކޯޓުން ބަލައި ގަނެވޭނެކަމަށެވެ.
އެގޮތުން، ދަށުކޯޓުން ނިންމި މައްސަލައަކީ ހައިކޯޓުން ބަލައިގަނެ އެ ކޯޓުގައި ހިންގަންޖެހޭ އިސްތިއުނާފުގެ މައްސަލައެއް ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ކަނޑައަޅައިފިނަމަ، ސުޕްރީމް ކޯޓުން އެގޮތަށް ކަނޑައަޅައި އިސްތިއުނާފުކުރި ފަރާތަށް އެކަން އަންގާ ތާރީޚުން ފެށިގެން ރަސްމީ 10 (ދިހައެއް) ދުވަހުގެ ތެރޭގައި އެފަރާތަކުން އެ މައްސަލަ ހައިކޯޓަށް ގުޅަންވާނެކަމަށާއި އަދި އެ މުއްދަތުގައި އެ މައްސަލައެއް ހުށަނާޅައިފިނަމަ، އެ މައްސަލައެއް ހައިކޯޓަށް ބަލައިނުގަތުމުގެބާރު ހައިކޯޓަށް ލިބިގެންވާކަމަށް ސްޕްރީމް ކޯޓުން ވިދާޅުވިއެވެ.




