ރައީސް ނަޝީދުގެ ސިޓީ ފައްޔާޒު ރީޓްވީޓު ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ އާންމު މެމްބަރުންނަށް ހިއްސާ ކޮށްދެއްވުމަށް ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފަށް ފޮނުއްވި ސިޓީ އިކޮނޮމިކް މިނިސްޓާ ފައްޔާޒް އިސްމާއީލް ރީޓްވީޓް ކުރައްވައިފި އެވެ.

އެ ސިޓީއަކީ މިނިސްޓަރ ފައްޔާޒް އިސްމާއިލް މަގާމުން އެކަހެރިވުމަށް ފެންނަކަމަށް ވިދާޅުވެ އެމްޑީޕީގެ އާންމު މެމްބަރުންނަށް ރައީސް ނަޝީދު ފޮނުއްވެވި ސިޓީއެކެވެ. އެ ސިޓީ އެމަނިކުފާނު ފޮނުއްވެވީ އިނގެރޭސިވިލާތުގައި ހުންނަވަ، އެމްޑީޕީގެ ޗެއަރޕާސަންއަށް އެޑްރެސްކުރައްވައެވެ.

ރައީސް ނަޝީދު ފޮނުއްވި އެ ސިޓީގައި ވިދާޅުވެފައި ވަނީ، އެމްޑީޕީގެ އެއްވެސް މެންބަރަކާއި އަދި އެހެން އެެއްވެސް ފަރާތަކާއިވެސް އެއްވެސް އިރެއްގައި ޒާތީ މައްސަލައެއް ނުއޮޮންނާނެކަމަށެވެ. އަދި ފައްޔާޒް ވަޒީރުކަމުން އެކަހެރިވެވަޑައިގަތުމަށް އެންގެވީ އެމްޑީޕީ އަށް ލިބިދާނެ ގެއްލުމަކަށްޓަކައި ކަމަށެވެ.

“އެމް.ޑީ.ޕީ ގެ ސްލޮޓެއްގައި މިވަގުތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އާއި ޙަވާލުވެވަޑައިގަތް ހުންނެވި މިނިސްޓަރ އަލްއުސްތާޛް ފައްޔާޒް އިސްމާޢިލް މަޤާމުގެ މަސްޢޫލިއްޔަތުން އެކަހެރިވެލެއްވުމަށް ފެންނަކަމަށް މިދަންނަވަނީ އެމް.ޑީ.ޕީ ގެ ރައީސްގެ ނަޒަރުން އަޅުގަނޑު ދެކޭއިރު މިޕާޓީއަށް ލިބިދާނެ ގެއްލުމަކަށްޓަކައެވެ. އަޅުގަނޑަކާއި އެމް.ޑީ.ޕީ ގެ އެއްވެސް މެމްބަރަކާއި އަދި އެހެން އެއްވެސް ފަރާތަކާއިވެސް އެއްވެސް އިރެއްގައި ޒާތީ މައްސަލައެއް ނުމެއޮންނާނެއެވެ. އަދި މިވާހަކަ މިގޮތަށް މިދަންނަވަނީ ހަމައެފަދައިން އެއްވެސް މިނިސްޓަރަކާއިވެސް ޒާތީ މައްސަލައެއް އޮވެއެއްނޫނެވެ.”  ރައީސް ނަޝީދުގެ ސިޓީގައި ވެއެވެ.

“އެމް.ޑީ.ޕީ ގެ އެންމެ ފުރުތަމަ ކުރު ވެރިކަން ނިމިދިޔައިރުވެސް މިޕާޓީގެ އެންމެ ސާފު އެއް ސިފައަކީ، ޕާޓީގެ މަޤާމުތައް ފުރުއްވާ ބޭފުޅުންގެ ކޮރަޕްޝަންގެ ޢަމަލުތައް މަދުކަމެވެ. އެމް.ޑީ.ޕީ ގެ ފުރަތަމަ ސަރުކާރު ބަޣާވާތަކުން ބަދަލުކޮށް، ވޭތުވެ ދިޔަ 7 އަހަރު ތެރޭގަވެސް މިޕާޓީއަށް ނިސްބަތްކޮށް އެންމެ ނުދައްކާ ވާހަކައަކީ ކޮރަޕްޝަންގެ ވާހަކައެވެ.” ނަޝީދުގެ ސިޓީފުޅުގައިވެއެވެ.

“މިހާރުގެ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ކޮރަޕްޝަންގެ ޢަމަލެއް ހިންގެވިތޯ ނުވަތަ ނޫންތޯ ޖިނާއީމިންވަރަށް ބެލުމަކީ ސިޔާސީކަމެއް ނޫނެވެ. ޕާޓީ އިން އަޅުގަނޑާއި ޙަވާލުވެފައިވަނީ ސިޔާސީ މަސައްކަތެވެ. އަޅުގަނޑު ފާހަގަ މިކުރަނީ ސިޔާސީ ނަޒަރަކުންދެކޭނަމަ، މިނިސްޓަރ ފައްޔާޒު އަކީ ޕާޓީގެ ޒިންމާއެކެވެ. އެގޮތުން މިނިސްޓަރ އަމިއްލަފުޅަށް އެކަހެރިވެވަޑައިގަތުމަށް އަޅުގަނޑު އިލްތިމާސް ދަންނަވަމެވެ.”  ނަޝީދު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ