އެމެރިކާގައި 500،000 އަށްވުރެ ގިނަ ކުޑަކުދިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ރިޕޯޓްތަކުން ދައްކައިފިއެވެ.
އެމެރިކަން އެކަޑަމީ އޮފް ޕެޑްރިއެޓްރިކް އިން ބުނެފައިވާ ގޮތުގައި އަންގާރަ ދުވަހު ނެރެފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ކޮރޯނާ ވައިރަހުގެ ބަލިމަޑުކަން ފެށުނީއްސުރެ އެމެރިކާގެ 500،000 ކުޑަކުދިންނަށް ވުރެ ގިނަ ކުދިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އެގޮތުން 6.3 މިލިއަނަށްވުރެ ގިނަ މީހުން އެމެރިކާއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު އޭގެތެރެއިން 9.8 އިންސައްތަ އަކީ ކުޑަކުދިންނެވެ.
ރިޕޯޓުތަކުން ދައްކާގޮތުގައި ފާއިތުވެދިޔަ 2 ހަފްތާގައި 70،630 ކުޑަކުޑިންނަށް ކޮވިޑް-19 ޖެހިފައިވާ ކަމަށާއި މި އަދަދަކީ 16 އިންސައްތައިގެ އިތުރުވުމެކެވެ. އެހެންކަމުން މިހާތަނަށް އެމެރިކާގައި 513،415 ކުޑަކުދިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެއެވެ.
އެމެރިކާއިން މިހާތަނަށް ކޮވިޑް-19 ގެ ސަބަބުން މަރުވެފައިވާ ކުޑަކުދިންގެ އަދަދަކީ 103 ކުޑަކުދިންނެވެ. މި އަދަދަކީ މި ބަލީގައި އެމެރިކާއިން މަރުވެފައިވާ މީހުންގެ ތެރެއިން 0.3 އިންސައްތައެވެ. އަދި އެމެރިކާގެ 18 ސްޓޭޓް އަކުން ކޮވިޑް-19 ގެ ސަބަބުން އެއްވެސް ކުޑަކުއްޖެއް މަރުވެފައި ނުވެއެވެ.
ދުނިޔޭގައި އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ގައުމަކީ އެމެރިކާއެވެ. އެގޮތުން މިހާތަނަށް އެމެރިކާގައި ޖުމްލަ 6،523،197 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު މި ބަލިން ރަނގަޅުވެފައިވަނީ 3،799،897 މީހުންނެވެ. އަދި 194،414 މީހުން މި ބަލީގައި ވަނީ މަރުވެފައެވެ.



