ފްރާންސްގެ ހެލްތް އޮފިސަރުން ވިދާޅުވިގޮތުގައި، މިދިޔަ ހަފްތާ ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް އަންނަ މީހުންގެ އަދަދު އިތުރު ވުމާއި ގުޅިގެން، ފްރާންސްގެ ވެރިރަށް، ޕެރިސްގައި އިތުރު 20 ކޮވިޑް-19 ޓެސްޓިން ސެންޓަރު ހުޅުވަން ތައްޔާރުވެފައިވާ ކަމަށެވެ.
ފްރާންސްގެ އިދާރާތަކުން ބުނެފައިވާ ގޮތުގައި، ވެރިރަށް ޕެރިސްގައި ކޮވިޑް-19 އަށް ޓެސްޓްކުރާ މީހުން އަދަދު އިތުރުވެފައިވާ ކަމަށާއި އެގޮތުން ހަފްތާއަކު 200،000 މީހުން ޓެސްޓް ކުރާ ކަމަށެވެ.
އަދި ހަފްތާއަކު 1 މިލިއަން މީހުން ފްރާންސް އިން ކޮވިޑް-19 އަށް ޓެސްޓް ކުރާ ކަމަށާއި އެގޮތުން ދުވާލެއްގެ މައްޗަށް 140،00 މީހުން ޓެސްޓް ކުރާ ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، އަދިވެސް ޓެސްޓް ކުރުމަށް ކިއުޖެހޭ ކަމަށާއި އަދި ޓެސްޓް ކުރުމަށް ލަސްވާ ކަމަށް ވިދާޅުވިއެވެ.
އަލަށް ހުޅުވާ ޓެސްޓް ސެންޓަރުތައް، ޓެސްޓް ކުރުމަށް ބޭނުންވާ އެންމެނަށް ހުޅުވާލާނެ ކަމަށާއި ނަމަވެސް ބައެއް ގަޑިތަކުގައި ކޮވިޑް-19 ގެ އަލާމާތްތައް ހުންނަ ފަރާތްތަކަށާއި އިސްކަންދޭން ޖެހޭ ބަލިމީހުންނަށް ހާއްސަ ކުރެވިފައިވާނެ ކަމަށް ވިދާޅުވެފައި ވެއެވެ.




