ފޮޓޯ: އެމްއެންޑީއެފް

ދިވެހިރާއްޖެއާއި އެމެރިކާ ސަރުކާރު ގުޅިގެން ދިފާއީ ގުޅުން ވަރުގަދަކުރުމަށްޓަކައި ފްރޭމްވަރކެއް އެކުލަވާލައިފި

ދިވެހިރާއްޖެއާއި އެމެރިކާގެ ދިފާއީ އަދި ސަލާމަތީ ގުޅުން އިތުރަށް ވަރުގަދަކުރުމަށްޓަކައި ދެޤައުމުގެ ސަރުކާރުން ގުޅިގެން ފްރޭމްވަރކެއް އެކުލަވާލައިފިއެވެ.

"ފްރޭމްވަރކް ފޮރ ޔޫ.އެސް ޑިޕާޓްމަންޓް އޮފް ޑިފެންސް -މޯލްޑިވްސް މިނިސްޓްރީ އޮފް ޑިފެންސް - ޑިފެންސް އެންޑް ސެކިއުރިޓީ ރިލޭޝަންޝިޕް"ގެ ނަމުގައި އެކުލަވާލާފައިވާ މި ފްރޭމްވަރކާ ބެހޭ އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރައްވާފައިވަނީ، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އެވެ. އަދި އެމެރިކާ ސަރުކާރުގެ ފަރާތުން، މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ،ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީ އޮފް ޑިފެންސް ފޮރ ސައުތު އެންޑް ސައުތު އީސްޓް އޭޝިޔާ، ރީޑް ވަރނަރ އެވެ.

މިކަމަށްޓަކައި އެމެރިކާގައި މިއަދު ބޭއްވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ މާރިޔާ ވަނީ، މި ފްރޭމްވަރކްގެ ސަބަބުން، ދިފާޢީ އަދި ސަލާމަތީ ކަންކަމުގައި، ދެޤައުމުގެ ދެމެދުގައި އޮންނަ ވަރުގަދަ ގުޅުމަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރ މާރިޔާ ވިދާޅުވީ، އިންޑޯ-ޕެސިފިކް ސަރަޙައްދާއި އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަކީ ދެޤައުމުގެ މަޞްލަޙަތާ ގުޅިފައިވާ ކަމަކަށްވާއިރު، ކޯވިޑް-19 ގެ މި ޙާލަތުގައިވެސް، ކަނޑުފޭރުމާއި ނިރުބަވެރިކަމާއި ހަރުކަށިފިކުރާއި މަސްތުވާތަކެތީގެ ނުރައްކަލާ، ރާއްޖެއިން ކުރިމަތިލާންޖެހިފައިވާ ކަމަށެވެ. އެހެންކަމުން، ބައިނަލްއަޤްވާމީގޮތުންނާއި ސަރަޙައްދީގޮތުން، ދިވެހިރާއްޖެ ފަދަ ކަނޑުގެ ސަރަޙައްދު ބޮޑު ޤައުމަކަށް، ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލުމުގައި، ދެޤައުމުގެ ސަރުކާރުގެ ދެމެދު މަޝްވަރާކޮށްގެން ކުރިއަށްދިއުން މުހިންމުކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

މިނިސްޓްރީ އޮފް ޑިފެންސްއިން ވިދާޅުވީ، މި ފްރޭމްވަރކްގެ ދަށުން، ދެޤައުމުގެ ދިފާޢީ ވުޒާރާއިން ގުޅިގެން، އިތުރު ޙަރަކާތްތަކެއް ހިންގުމަށް ހަމަޖެހިފައިވާކަމަށެވެ.

އޭގެ ތެރޭގައި، ދެޤައުމުގެ ދިފާއީ އަދި ސަލާމަތީ ދާއިރާގައި ހިމެނޭ ވެރިންގެ މެދުގައި މަޝްވަރާބައްދަލުވުންތައް ބޭއްވުމާއި، ދިވެހިރާއްޖޭގެ ދިފާޢީ މުއައްސަސާ އިތުރަށް ހަރުދަނާކުރުމާ ބެހޭ ޙަރަކާތްތައް ހިންގުމަށް ފުރުޞަތު ތަނަވަސްކުރުމާއި، މެރިޓައިމް ސެކިއުރިޓީ ނުވަތަ ކަނޑުމަގުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި އެއްބާރުލުން އިތުރުކުރުމާއި، ނިރުބަވެރިކަމާއި ހަރުކަށި ފިކުރާ ދެކޮޅަށް ކުރާ މަސައްކަތްތައް ހަރުދަނާކުރުމާއި، ޤުދުރަތީ ކާރިސާތަކާއި އިންސާނީ އެހީއަށް ބޭނުންޖެހޭ ޙާލަތްތަކުގައި، ގުޅިގެން އޮޕަރޭޝަންތައް ހިންގުން ފަދަ ކަންކަން ހިމެނޭކަމަށް ޑިފެންސް މިނިސްޓްރީން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ