ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް އަވައްޓެރި އިންޑިއާއިން އިތުރު 55,733 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެ، މިބަލީގައި އެޤައުމުން މަރުވި މީހުންގެ އަދަދު 78,031 އަށް އަރައިފިއެވެ.
ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ އިދާރާތަކުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އިންޑިއާއިން މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް އިތުރު 55,733 މީހަކަށް ކޮވިޑް-19 ޖެހިފައި ވެއެވެ.
އިންޑިއާގައި ހިފެހެއްޓުމެއް ނެތި ކޮވިޑް-19 ފެތުރެމުން އަންނައިރު، އެޤައުމުގައި މި ބަލީގައި މަރުވާ މީހުންގެ އަދަދުވެސް އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މިގޮތުން މިދިޔަ 24 ގަޑިއިރު ތެރޭގައި ވެސް އިތުރު 525 މީހަކު މަރުވިކަމަށް ރެކޯޑް ކުރެވިފައި ވެއެވެ.
މިވަގުތު ދުނިޔެއިން ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ޤައުމަކީ އިންޑިއާއެވެ. އެޤައުމުގައި މި ބަލިމަޑުކަމުގެ ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުން އަންނައިރު، އެޤައުމަށް ކޮވިޑް-19 ގެ "ޕީކް" އަންނާނީ ނުވަތަ އެންމެ ބޮޑަށް ބަލި ފެތުރޭނީ އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ކަމަށް ވަނީ ބެލެވިފައެވެ.
ދުނިޔޭގައި ކޮވިޑް-19 ގެ ކޭސްތައް އެންމެ ގިނަ ގައުމެއްގެ ގޮތުގައި އަދިވެސް އެމެރިކާ އޮތްއިރު ކޮވިޑް-19 ގެ ސަބަބުން މަރުވި މީހުންގެ އަދަދުވެސް މިހާތަނަށް އެންމެ ގިނައީ އެމެރިކާގައެވެ. ނަމަވެސް ކޮވިޑް-19 ކޮންޓްރޯލްކޮށް މަދު ކުރުމުގެ ފުރުސަތު އިނޑިއާއަށްވުރެ އެމެރިކާއަށް ބޮޑުކަމަށް ރިޕޯޓް ތައް ބުނެއެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި އިންޑިއާގެ ހާލަތު މިހާރަށްވުރެ ގޯސްވެ ގިނަ އަދަދެއްގެ ބަޔަކު ކޮވިޑް-19 އަށް ޕޮސިޓިވެވެ، މި ވައިރަހުގެ ސަބަބުން އިނޑިއާގައި މަރުވާ މީހުންގެ އަދަދު އިތުރުވަމުން ދާނެ ކަމަށް ލަފާކުރެވޭކަމަށް ރިޕޯޓްތައް ބުނެއެވެ.
އިންޑިއާއިން އެންމެ ފުރަތަމަ ކޮވިޑް-19 ގެ ކޭސްްއެއް ފެނިފައިވަނީ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުއެވެ.



