އާދަމް ޝަރީފަށް އޮޅިގެން ކުރެއްވުނު ޓްވީޓްގައި ވިދާޅުވެފައި ވަނީ، މިނިވަންކަމާ ދެކޮޅަށް މިއަދު ބާއްވާ ސައިކަލް ބުރުގައި ކިތަންމެ ގިނަ ބަޔަކު ބަންދު ކުރިއަސް ޕްރޮގްރެސިވް ކޯލިޝަންގެ ލީގަލް އެފެއާސް ޑިިޕާޓްމެންޓްގެ ލޯޔާސް އެޓެންޑް ކުރައްވާނެ ކަމަށެވެ.
ނަމަވެސް އާދަމް ޝަރީފް ވަނީ މި ޓްވީޓް ޑިލީޓް ކުރައްވާ އަލުން ޓްވީޓް ކުރައްވާފައެވެ. އެގޮތުން އަލުން ކުރެއްވި ޓްވީޓްގައި ވިދާޅުވީ، މިނިވަން ކަމުގެ ދިފާއުގައި މިއަދު ބާއްވާ ސައިކަލް ބުރުގައި ކިތަންމެ ގިނަ ބަޔަކު ބަންދު ކުރިއަސް ޕްރޮގްރެސިވް ކޯލިޝަންގެ ލީގަލް އެފެއާސް ޑިިޕާޓްމެންޓްގެ ލޯޔާސް އެޓެންޑް ކުރައްވާނެ ކަމަށެވެ.
އާދަމް ޝަރީފް އަށް އޮޅިގެން ކުރެއްވުނު ޓްވީޓްގެ ސްކްރީން ޝޮޓް އާއި އެކު އަނދުން ހުސައިން ކުރެއްވި ޓްވީޓްގައި ވިދާޅުވީ ރައްޔިތުން މަޖިލީހުގެ މެންބަރަކު ރާއްޖޭގެ މިނިވަންކަމާ ދެކޮޅަށް މުޒާހަރާ ކުރަން ހިތްވަރު ދީފައިވާތީ ވަގުތުން ވަގުތައް މި މައްސަލަ ރައްޔިތުން މަޖިލީހުގެ ސުލޫކް ކޮމިޓީ އިން ބައްލަވަން ގޮވާލާ ކަމަށެވެ.
Vaguthu salaamaiy kurumuge gothun Vaguthun vaguthah mi massala @mvpeoplesmajlis ge sulook committee in ballavan govaalan. RM ge memberaku Raajjeyge Minivankamaa DHEKOLHAH muzaaharaa kuran hiyyvaru dheefaivaathee. pic.twitter.com/TVMlRnwgiw
— Hussain Shaheem (@AndhunHussain) September 12, 2020
އިދިކޮޅުގެ ޒުވާނުން އިސްނަގައިގެން އިއްޔެ މާލޭގައި އިންތިޒާމް ކުރި ސުލްޙަވެރި ސައިކަލް ބުރުގެ ތެރެއިން ގިނަ ޢަދަދެއްގެ ޒުވާނުން ވަނީ ހައްޔަރު ކޮށްފައެވެ. އެގޮތުން އިއްޔެގެ އެއްވުމާއި ގުޅިގެން 41 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެއެވެ. ފުލުހުން ވިދާޅުވީ މި މީހުން ހައްޔަރުކޮށްފައިވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ރައްޔިތުން ނުރައްކަލުގެ ތެރެއަށް ހުށައެޅޭގޮތަށް، އެޗްޕީއޭގެ ގައިޑްލައިން ތަކާއި ޚިލާފަށް އެއްވުމާއި ގުޅިގެން ކަމަށެވެ.
އެކަން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް އިދިކޮޅުން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނީ، އިއްޔެ ކުރިއަށް ގެންދިޔަ ޙަރަކާތަކީ އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް ޒުވާނުން ރާވާ އިންތިޒާމްކުރި ޙަރަކާތެއްކަމަށްވެފައި ޒުވާނުން ވަރަށް ސުލްޙަވެރިކަމާއެކު ތިއްބާ ފުލުހުން އައިސް އެމީހުން ހައްޔަރު ކުރުމަށް ޢަމަލުތައް ބެހެއްޓި ގޮތުން މި މިންގަނޑުތަކާ ޚިލާފުވެފައިވާތީ ކަންބޮޑުވާކަމަށެވެ.
އަދި ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައި ގިނަ ޢަދަދެއްގެ އަންހެނުންވެސް ހިމެނޭކަމަށް މަޢުލޫމާތު ލިބިފައިވާތީ އެއްވެސް ޝަރުތަކާނުލާ އެމީހުން ދޫކޮށްލުމަށްވެސް އިދިކޮޅުންވަނީ ގޮވާލާފައެވެ.
އަދި ރާއްޖެ އަޅުވެތި ކުރުމާ ދެކޮޅަށް ރައްޔިތުން ކުރަމުންދާ އިހްތިޖާޖުތައް ނުހުއްޓުވުމަށާއި ޤާނޫނުއަސާސީން ލިބިދީފައިވާ ސުލްޙަވެރިކަމާއެކު އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް ނޭޅުމަށްވެސް އިދިކޮޅުގެ މިބަޔާނުގައި ސަރުކާރަށް ގޮވާލާފައިވެއެވެ.
އިދިކޮޅުން އިއްޔެ ސައިކަލް ބުރު ފަށާފައިވަނީ ރަސްފަންނު ސަރަހައްދުންނެވެ. އަދި ފުލުހުން މި ސައިކަލް ބުރު ކުރިއަށް ގެންދިއުމަށް ހުރަސްއެޅުމާއި ގުޅިގެން ވަކި ހިސާބަކުން ސައިކްލްބުރު ހިނގާލުމަކަށް ވަނީ ބަދަލުކޮށްފައެވެ.
ކޮވިޑް-19 ގެ މި ހާލަތުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިސްކުރުމަށް ފުލުހުންވަނީ އިލްތިމާސް ކުރައްވާފައެވެ.



