ރައީސް މުޙައްމަދު ނަޝީދު | ފޮޓޯ: މަޖިލިސް

"އިންޑިއާ އައުޓު" އޭ ކިޔަނީ އައިސިސް އިން، އިދިކޮޅުން ބާރު އަޅަނީ ރާއްޖެ ހިފުމަށް: ރައީސް ނަޝީދު

"އިންޑިއާ އައުޓު" އޭ ކިޔަނީ ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ އައިސިސް އިންކަމަށާއި، އިދިކޮޅުން ބާރު އަޅަނީ ރާއްޖެ ހިފުމަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެގޮތުން މިރޭ ކުރެއްވި ޓްވީޓެއްގައި ނަޝީދު ވިދާޅުވީ، އިންޑިއާ އައުޓު އޭކިޔާ ގޮވަނީ ރާއްޖޭގައި ޙަރަކާތްތެރިވާ އައިސިސްގެ ސެލްއަކުންކަމަށާއި، އެކަން ވަރަށް ގިނަ ބައިނަލްއަޤުވާމީ އިދާރާތަކަށް މިހާރު ސާފުވެފައިވާކަމަށެވެ.

އަދި ޕީޕީއެމް-ޕީއެންސީ އިން މިޝިޔާރު ބޭނުންކުރަން އެދެނީނަމަ، އެބާރު ދެވެނީ އައިސިސްއިން މިރާއްޖެ ހިފުމަށްކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިފަދައިން ވިދާޅުވެފައިވާއިރު، އިދިކޮޅު ގިނަ އަދަދެއްގެ ބަޔަކު އިންޑިއާ އިން ރާއްޖެއަށް އަތްގަދަ ކުރަމުންދާ ކަމަށް ބުނެ “އިންޑިއާއައުޓު” ގެ ނަމުގައި ސޯޝަލް މީޑިއާގައި ކެމްޕެއިނެއް ފައްޓާފައިވެއެވެ. އެގޮތުން ގިނަ ބަޔަކު އަންނަނީ މި ގައުމަށް އިންޑިއާ އިން އެހީތެރިކަން ދެނީ އިންޑިއާގެ އަސްކަރީ ސިފައިން ރާއްޖޭގައި ބެހެއްޓުމަށް ކަމަށް ބުނަމުންނެވެ. ނަމަވެސް ސަރުކާރުން ވަނީ އެކަން ދޮގު ކޮށްފައެވެ.

އިދިކޮޅުން މިއަދު ހޮނިހިރު ދުވަހު ކުރިއަށްގެންދިޔަ ހަރަކާތުގައިވެސް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ރައްޔިތުން ނުރައްކަލުގެ ތެރެއަށް ހުށައެޅޭގޮތަށް، އެޗްޕީއޭގެ ގައިޑްލައިން ތަކާއި ޚިލާފަށް އެއްވިކަމަށްބުނެ، 41 ޒުވާނަކު ފުލުހުންވަނީ ޙައްޔަރުކޮށްފައެވެ.

އަދި މީގެ ދެހަފްތާކުރިން، އޮގަސްޓް މަހުގެ ފަހުކޮޅުވެސް އިދިކޮޅުގެ ޒުވާނުންވަނީ މާލޭގައި ސައިލު ބުރެއް ކުރިއަށް ގެންގޮސްފައެވެ. އަދި އިދިކޮޅުގެ ސިޔާސީ އެ ޙަރަކާތްވެސް އެޗްޕީއޭގެ މިންގަނޑަށް ނުފެތޭކަމަށް ބުނެ މައްސަލަ ބަލަމުންދާކަމަށް އޭރު ފުލުހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ