ރ. ދުވާފަރު މަގު ހެދުމުގެ ދެވަނަ ފިޔަވަހި މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ.
އެމްޓީސީސީ އިން ވިދާޅުވެފައި ވަނީ މި މަޝްރޫޢު އެކުންފުންޏާ ހަވާލުކޮށްފައި ވަނީ 09 ސެޕްޓެންބަރު 2020 ގައި ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން ފައިމަގުގައި ހިނގޭގޮތަށް 4،960 އަކަ މީޓަރުގެ ސަރަހައްދެއް ޤާއިމް ކުރުމާއި، މަގުގައި ދުއްވޭ ގޮތަށް 17،790 އަކަ މީޓަރުގެ ސަރަހައްދެއް ޤާއިމް ކުރުމާއި، ކޭބަލް ހޮޅި ވަޅުލުމާއި މަގުބައްތި އަދި ނިޝާން ހަރު ކުރުމުގެ މަސައްކަތް ހިމެނެއެވެ.
ދުވާފަރުީ މަގުހެދުމުގެ ދެވަނަ ފިޔަވަހި މަޝްރޫޢަކީ 37.8 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢު ނިންމަން ކަނޑައަޅާފައިވާ މުއްދަތަކީ 300 ދުވަހެވެ.
ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ޕްލޭނިންގ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ފާޠިމަތު ޝާނާ ފާރޫޤެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކޮށްފައި ވަނީ އެ ކުންފުނީގެ ސީއީއޯ އަލްފާޟިލް އާދަމް އާޒިމްއެވެ.
ދުވާފަރު މަގުހެދުމުގެ ކުރީގެ މަޝްރޫޢުވެސް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއިއެވެ. އެ މަޝްރޫޢުގެ އަގަކީ28.2 މިލިއަން ރުފިޔާއެވެ.




