ކޮވިޑް-19 ވެކްސިނަކަށް ޔޫއޭއީ އިން ހުއްދަދެނީ

އެކުވެރި އަރަބި އެމިރޭޓްސްް (ޔޫއޭއީ) އިން ކޮވިޑް-19 އާއި ދެކޮޅަށް ބޭނުން ކުރުމަށް ވެކްސިނެއް ތައްޔާރުކޮށް އެ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދިނުމަށް ނިންމައިފިއެވެ.

ޔޫއޭއީގެ ސިއްހީ ވުޒާރާއިން ބުނެފައިވަނީ އެމަރޖެންސީ ހާލަތުގައި ބޭނުން ކުރުމަށް ކޮވިޑް-19ގެ ވެކްސިނަކަށް ހުއްދަ ދިނުމަށް އެގައުމުން ނިންމައިފައިވާ ކަމަށާއި މި ވެކްސިން އެންމެ ފުރަތަމަ ދޭނީ ފުރޮންޓް ލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށް ކަމަށެވެ.

ކޮވިޑް-19 އާއި ދެކޮޅަށް ބޭނުން ކުރުމަށް ޔޫއޭއީ އިން ހުއްދަ ދިނުމަށް ނިންމައިފައިވާ ވެކްސިނަކީ އިންސާނުންނަށް ރައްކާތެރި ވެކްސިނެއްކަން ކަށަވަރު ކޮށްފައިވާ ކަމަށާއި އަދި މި ވެކްސިންގެ ފުރަތަމަ އަދި ދެވަނަ ޓެސްޓިން ފޭސް މިހާރު ނިންމައިފައިވާ ކަމަށް ޔޫއޭއީގެ ސިއްހަތާއިބެހޭ ވުޒާރާއިން މައުލޫމާތު ދެއެވެ.

ޔޫއޭއީގެ އެމަރޖެންސީ ކުރައިޒިސް އަދި ޑިސާސްޓާ މެނޭޖްމެންޓް އޮތޯރެޓީއިން ބުނެފައިވަނީ އެގައުމުގައި ބޭނުން ކުރުމަށް ހުއްދަދިން ވެކްސިންގެ ޓެސްޓު ނަތީޖާތައް ރަނގަޅު ކަމަށާއި މިގޮތުން ކުރެވުނު ހުރިހާ ޓެސްޓެއްވެސް ކާމިޔާބު ކަމަށެވެ.

އެމަރޖެންސީ ކުރައިޒިސް އަދި ޑިސާސްޓާ މެނޭޖްމެންޓް އޮތޯރެޓީއިން ވެކްސިންގެ ޓެސްޓުތަކާއި ބެހޭގޮތުން އިތުރަށް ބުނެފައިވަނީ މި ވެކްސިން ޓެސްޓު ކުރުމަށް 125 ގައުމަކަށް ނިސްބަތްވާ 31،000 ވޮލެންޓިއަރުން ބައިވެރިވެފައިވާ ކަމަށާއި ވެކްސިން ދިން އެއްވެސް މީހެއްގެ ކިބައިން ނުރަނގަޅު ސައިޑް އިފެކްޓެއް ފެނިފައި ނުވާކަމަށެވެ.

ޔޫއޭއީ އިން ކޮވިޑް-19 އާއި ދެކޮޅަށް ބޭނުން ކުރުމަށް ވެކްސިނެއް އުފައްދައި އެ ވެކްސިން ބޭނުން ކުރުމަށް ތައްޔާރުވަމުން އަންނައިރު ޗައިނާ އަދި ރަޝިއާއިންވެސްވަނީ ވެކްސިނެއް އުފައްދައި އެ ވެކްސިންތައް ބޭނުންކުރަން ފަށައިފައެވެ. ނަމަވެސް މި ހުރިހާ ގައުމަކުންވެސް މި ވެކްސިންތައް ބޭނުން ކުރަމުން އަދި ދަނީ ހަމައެކަނި އެ ގައުމުތަކުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ