މިދައުރުގެ ފަހުކޮޅު ބަރުލަމާނީ ނިޒާމަކަށް ވެރިކަން ފުރޮޅާލަފާނެ ކަމުގައި ކުރީގެ ޑިފެންސް މިނިސްޓަރ އަދި މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފް މިހެން ވިދާޅުވެފައި މިވަނީ ކުރިގެ ރައީސް އަދި މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ބަރުލަމާނީ ނިޒާމަކަށް ތާޢީދު ކުރައްވައި ދައްކަވާ ވާހަކަ ފުޅު އެމަނިކުފާނު އަނެއްކާވެސް ތަކުރާރު ކުރެއްވުމާއި ގުޅިގެންނެވެ.
އެގޮތުން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ރައީސް ޞާލިޙްއަށް ދެވަނަ ދަޢުރެއް ލިބޭނެ އެންމެ ކަށަވަރު ގޮތަކީ ބަރުލަމާނީ ނިޒާމެއްކަމަށާއި، އަދި އެއީ ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފައިދާހުރި ނިޒާމުވެސް ކަމަށެވެ.
ރައީސް ނަޝީދުގެ ވާހަކަ ފުޅާއި ގުޅިގެން މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެފައި ވަނީ 2023 ގައި އޮންނަ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ނުވާނެކަން އެނގޭތީ، އިންތިޚާބު ނުބާއްވައި ދަޢުރުގެ ފަހުކޮޅު ބަރުލަމާނީ ނިޒާމަކަށް ވެރިކަމުގެ ނިޒާމް ފުރޮޅާލަފާނެކަމަށެވެ.
"އިންތިޚާބު ނުބާއްވައި، މި ދަޢުރުގެ ފަހުކޮޅު މަޖިލީހުގެ ސްޕަރ މެޖޯރިޓީއާއި ބޭރުގެ ނުފޫޒާއެކު، ބަރުލަމާނީ އަކަށް ވެރިކަން ފުރޮޅާލަން ހިންތާއެއް ހަދާފާނެ" އާދަމް ޝަރީފް އުމަރު ވިދާޅުވެފައި ވެއެވެ.
ބަރުލަމާނީ ނިޒާމަކަށް ބާރު ލިބެ ގޮތަށް މަޖިލީހުގެ ރައީސް ވާހަކަ ފުޅު ދައްކަވާފައި ވާއިރު، އެމަނިކުފާނު ވަނީ ރާއްޖޭގެ ރައީސްކަން ބޭނުން ނުވާކަމުގައި ވިދާޅުވެފައެވެ. އަދި ބޮޑު ވަޒީރުކަން ބޭނުން ވާނަމަ އެވާހަކަ ފަހުން ދައްކާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
މީގެ ކުރިންވެސް ރައީސް ނަޝީދު ވަނީ ބަރުލަމާނީ ނިޒާމަކަށް ތާޢީދު ކުރައްވައި އެތައް ފަހަރަކު ވާކަހަފުޅު ދައްކަވާފައެވެ.



