ރ.ދުވާފަރު - ފޮޓޯ: ވިސާމް

ދުވާފަރުގައި ބިދޭސީއަކު މަރުވެފައި އޮއްވާ ފެނިއްޖެ

ދުވާފަރުގައި ބިދޭސީއަކު މަރުވެފައ އޮއްވާ ފެނިއްޖެއެވެ. މަރުވެފައި އޮއްވާ ފެނިފައި ވަނީ ބަނގުލަދޭޝްގެ ފިރިހެނެކެވެ. މިއަދުގެ ހެނދުނުގެ ވަގުތެއްގައި އޭނާ މަރުވެފައި އޮއްވާ ފެނިފައި ވަނީ ދުވާފަރުގައި ހުންނަ ދިރާގު ޕާޓްނާޝިޕް ފިހާރަ ހުންނަ ގޭގެ ތެރޭގައެވެ.

މަރުވިމި ބިދޭސީ މީހާ މަރުވި ވަކި ސަބަބެއް ނޭނގޭއިރު ބޮޑަށް ލަފާކުރެވޭގޮތުގައި އޭނާ މަރުވެފައިވަނީ މިހާރު ހަލުވި ސްޕީޑުގައި ފެތުރެމުންދާ ޑެންގީ ނުވަތަ ޗިކުން ގުންޔާ ރޯގާ ޖެހިގެންކަމަށް ދުވާފަރު ކައުންސިލުން މީޑިއާއަށް މަޢުލޫމާތުދެމުން ވިދާޅުވިއެވެ. އަދި އެކައުންސިލުން މަޢުލޫމާތު ދިން ގޮތުގައި ބިދޭސީއަކު ނިޔާވެފައި އޮއްވާ ފެނިފައިވާ  ކަމުގެ ރިޕޯޓު އެ ކައުންސިލަށް ލިބިފައި ވަނީ މިއަދު ހެދުނެވެ.

ނިޔާވި މިމީހާ މީގެ 2 ތިން ދުވަސް ކުރިން ފެށިގެން އުޅެމުން ދިޔައީ ހުން އައިސްގެން ވަރަށް ބަލިކޮށް ކަމަށް އޭނާއާ އެކު އެގޭގައި މަސައްކަތްކުރާ ބަނގުލަދޭޝްގެ އަނެއް ދެމީހުން ބުނެފައިވާކަމަށް ދުވާފަރު ކައުންސިލުން ވިދާޅުވިއެވެ. އަދި މިއަދު އޭނާ މެއަށާއި ބަނޑަށް ވަރަށް ބޮޑޮށް ތަދުވާތީ އުޅުނު ކަމަށް އޭނާ އެކު މަސައްކަތް ކުރި ދެމީހުން މަޢުލޫމާތު ދީފައިވަކަމަށްވެސް ވިދާޅުވިއެވެ.

ނިޔާވި މީހާ އާ އެކު އެ ގޭގައި އެއް ކޮޓަރިއެއްގައި ދިރިއުޅުނު ބަނގުލަދޭޝްގެ މި 2 މީހުން ބުނި ގޮތުގައި އޭނާ ގާތު މިއަދު ޑޮކްޓަރަށް ދައްކަން ދާން އެދުމުން އޭނާ ބޭނުންވީ ކުޑަކޮށް ރެސްޓުކޮށްލުމަށް ފަހު ޑޮކްޓަރަށް ދައްކަން ދާށެވެ. ރެސްޓުކޮށްލުމަށް ކުޑަ އިރުކޮޅަކު އޮތުމަށް ފަހު، ފަންކާ ޖަހާފައި ހުރުމުން މާ ބޮޑަށް ފިނިވާތީ ކޮޓަރިން ނިކުމު، އޭނާ ދެން އޮތީ އެގޭގެ ސިޓިން ރޫމްގެ ސޯފާގައި، ގައިގަ ތުވާއްޔަކާއި ބެޑްޝީޓެއް އަޅައިގެންނެވެ.

އަދި އޭނާ ސޯފާގައި ނިދާފައި އޮންނަތާ ގިނަ އިރުވެގެން އައިސް ބެލި އިރު އޭނާގެ ނޭވާ ހުއްޓިފައިިވާ ކަމަށާއި، އެކަން ޔަޤީން ކުރުމަށް އެ ދެމީހުން އެ ވަގުތު ބޭރުގައި ކުނި ކަހަން އުޅުނު ދިވެހި އަންހެން މީހަކަށް ގޮވި ކަމަށެވެ. މި ދިވެހި އަންހެން މީހާ ވެސް ބެލި ބެލުމުން އޭނާގެ ނޭވާ ހުއްޓިފައިވާ ކަމަށް ބެލެވޭތީ އެ މަގުން ދިޔަ އިތުރު މީހަކު ލައްވާ ވެސް ޗެކު ކުރުމަށް ފަހު އެމީހުން ދުވާފަރު ސިއްޙީ މަރުކަޒުގައި މަސައްކަތް ކުރާ ޑޮކްޓަރަކަށް ގުޅާ އެކަންތައް ފުލުހުންނަށް ރިޕޯޓު ކުރިއެވެ.

ޑޮކްޓަރު ބެލުމަށް ފަހު އެ މީހާ މަރުވެފައި ވާކަން ކަށަވަރުކޮށްދިނެވެ. މަރުވި ބަނގުލަދޭޝް މީހާގެ ހަށިގަނޑު އިތުރަށް ބެލުމަށް، ފުލުހުންނާއި ރާއްޖޭގައި ހުންނަ ބަނގުލަދޭޝް އެންބަސީ ގުޅިގެން މިއަދު މެންދުރު ފަހު 3 ޖަހާއިރު ވަނީ މާލެ ފޮނުވާލާފައިކަމަށް ދުވާފަރު ކައުންސިލުންވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ