ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ އޮޑިޓްގައި އޮޑިޓަރ ޖެނެރަލް ފާހަގަކުރި ގިނަ މައްސަލަތައް އެ އޮތޯރިޓީން ދޮގުކޮށްފިއެވެ.
އެންޑީއެމްއޭއިން މިކަން ދޮގުކޮށްފައިވަނީ އެ އޮތޯރިޓީން މިހާރު ބާއްވަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އެ އޮތޯރިޓީން މިއަދުގެ ޕްރެސް ކޮންފެރެންސްގައި ވިދާޅުވީ، އޮޑިޓް ރިޕޯޓް ނެރެފައިވަނީ ބަލަންޖެހޭ މިންވަރަށް ނުބަލައި، ފޯރުކޮށްދީފައިވާ މަޢުލޫމާތުތަކަށް އެކަށީގެންވާ މިންވަރަށް ރިއާޔަތް ނުކުރައްވާ ކަމަށެވެ.
ވަކިވަކިން އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ގިނަކަންކަން ދޮގުކޮށް، އެންޑީއެމްއޭއިން ވަނީ އެ ކަންކަން ހިނގާފައިވާގޮތް ވަރަށް ތަފްސީލުކޮށް ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ކިޔައިދީފައެވެ.
މީގެ އިތުރުން ސަރުކާރުން އަގު ކޮންޓްރޯލް ކޮށްފައިވާ ބައެއް ތަކެތި، ކޮންޓްރޯލް އަގަށްވުރެ ބޮޑު އަގުގައި ގަނެވިފައިވާ ތަކެތީގެ މައްސަލަ އޮޑިޓް ރިޕޯޓްގެ ކުރިންވެސް ފާހަގަކުރެވި، އެ ފައިސާ ތަކެތި ގަތް ފަރާތުން ދައުލަތަށް އަނބުރާ ހޯދާފައިވާ ކަމަށް އެންޑީއެމްއޭ އިން ވިދާޅުވިއެވެ.
މީގެ އިތުރުން ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ހިލޭއެހީގެ ގޮތުގައި ލިބުނު ތަކެތީގެ ސްޓޮކް ބެލެހެއްޓީ ފުރިހަމައަށްކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ޓީމުން ބުނިކަމަށްވެސް އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވިއެވެ.
މީގެ އިތުރުނ އެންޑީއެމްއޭއިން ގެސްޓްހައުސްތަކާއެކު އެއްބަސްވުމެއް ނެތި ފައިސާ ދެއްކާފައިވުމާއި، ރިސޯޓްތަކަށް އެއްބަސްވެފައިވާ ރޭޓަށްވުރެ އިތުރަށް ފައިސާ ދައްކާފައިވާކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު އޮޑިޓް ރިޕޯޓްގައި ބުނާ ވާހަކަތައްވެސް އެ އޮތޯރިޓީން ވަނީ ދޮގުކޮށްފައެވެ.
އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ގިނަކަންކަން އެންޑީއެމްއޭއިން ދޮގުކޮށްފައިވާއިރު، ކޮވިޑް-19 އާއި ގުޅިގެން ނެރުނު އެހެނިހެން އޮޑިޓް ރިޕޯޓްތައް އެ މުއައްސަސާތަކުން ދޮގުކޮށްފައެއް ނުވެއެވެ.