ކޮވިޑް-19: އެމެރިކާއިން 2 ލައްކައަށްވުރެ ގިނަ މީހުން މަރުވެއްޖެ

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އަށް މިހާތަނަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވި ޤައުމުކަމަށްވާ އެމެރިކާގައި މިބަލީގައި ނިޔާވި މީހުންގެ އަދަދު 2 ލައްކައަށް އަރައިފިއެވެ.

ކޮވިޑް-19ގެ އެންމެފަހުގެ މައުލޫމާތުތަކަށް ބަލާއިރު، އެމެރިކާއިން ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 6,798,679 އަރައިފައެވެ. މިއީ މުޅި ދުނިޔެއިން ކޮވިޑް-19 އަށް ޕޮޒިޓިވުވި މީހުންގެ ފަސްބައިކުޅަ އެއްބަޔާ ގާތްކުރާ އަދަދެކެވެ.

ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑަށް ކުރި އެމެރިކާއިން މިހާތަނަށް މިބަލީގައި މަރުވި މީހުންގެ އަދަދުއުޅެނީ، 200,688 ގައެވެ. އަދި މިބަލިން މިހާތަނަށް އެމެރިކާއިން ރަނގަޅުވި މީހުންގެ އަދަދަކީ 4,070,508 އެވެ.

އެމެރިކާގައި މިވަގުތު އެކްޓިވް ކޭސަސްގެ އަދަދު 2,527,483 ގައި އުޅޭއިރު މީގެތެރެއިން 14,160 މީހުންވަނީ ސީރިއަސް ހާލަތުގައެވެ.

ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ގައުމަކީ ޗައިނާ ނަމަވެސް މިބަލި ފެތުރުން ކޮންޓުރޯލް ކުރުމުގައި ޗައިނާއިންވަނީ ބޮޑު ކުރިއެރުންތަކެއް ހޯދައިފައެވެ. މިއާހިލާފަށް އެމެރިކާގައި މިބަލި ފެތުރުން ކޮންޓުރޯލް ކުރުމަށް ސިއްހީ އިދާރާތަކުން އަޅަމުންދާ ފިޔަވަޅުތަކަށް ބޯލަބަމުންދަނީ މަދު ބަޔެކެވެ.

މުޅި ދުނިޔޭގެ ކޮވިޑް-19ގެ ތަފާސްހިސާބުތަކަށް ބަލައިލާއިރު މުޅި ދުނިޔެއިން މިހާތަނަށް މިބައްޔަށް ޕޮޒިޓިވުވި މީހުންގެ އަދަދަކީ، 29,847,882 އެވެ. މިބަލިން ރަނގަޅުވި މީހުންގެ އަދަދު 21,635,922 ގައި އުޅޭއިރު މިބަލީގައި ނިޔާވި މީހުންގެ އަދަދަކީ 941,250 އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ