ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީ.ވީ.އެފް)ގެ ތީމެޓިކް އެމްބެސެޑަރ ފޯރ އެމްބިޝަންގެ މަގާމާއި ހަވާލުވެ ވަޑައިގަތުމުން ރާއްޖެފަދަ ނާޒުކު ތިމާވެއްޓެއް ލިބިފައިވާ ގައުމުތަކަށް އެކަމުގެ ފައިދާ ކުރާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ސީ.ވީ.އެފްގެ ތީމެޓިކް އެމްބެސެޑަރ ކަމަށް ވެވަޑައި ގަތުމާއި ގުޅިގެން އެކަމަށް މަރުހާބާ ދެއްނެވުމަށް ރައީސް ސޯލިހް މިރޭ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ، ސީ.ވީ.އެފްގެ ތީމެޓިކް އެމްބެސެޑަރ ކަމަށް ވެވަޑައި ގެންނެވުމާއި ގުޅިގެން ވަރަށް ހޫނު މަރުހަބާއެއް ދަންނަވާ ކަމަށާއި ރައީސް ނަޝީދުގެ އެމްބެސަޑަރުކަމުގެ ދަށުން ރާއްޖެފަދަ ނާޒުކު ތިމާވެއްޓެއް ލިބިފައިވާ ގައުމުތަކަށް ފައިދާ ކުރާނެކަން ޔަގީން ކުރައްވާ ކަމަށެވެ.
"އަޅުގަނޑު ޔަގީންކުރަން ރާއްޖެފަދަ ނާޒުކު ތިމާވެއްޓެއް ލިބިފައިވާ ގައުމުތަކުން ތިމާވެށީގެ މައްސަލަތަކުގައި ވަކާލާތުކޮށް އަޑު އުފުލުމަށް މަނިކުފާނުގެ އާ ރޯލުގެ ސަބަބުން ފައިދާ ކުރާނެކަން" ރައީސް ސޯލިހްގެ ޓުވީޓުގައި ބުނެފައި ވެއެވެ.
Warm congratulations to President @MohamedNasheed on becoming @TheCVF Ambassador for Ambition. I am confident Maldives and other climate vulnerable states would benefit from your new role to help us upscale our ambition to effectively address the climate emergency.
— Ibrahim Mohamed Solih (@ibusolih) September 16, 2020
ސީ.ވީ.އެފްގެ މަސައްކަތް ކުރިއަރުވައި، ގުޅުން ވަރުގަދަކުރުމުގެ ގޮތުން، ކަނޑައަޅާފައިވާ ހަ ދާއިރާއިން އެމްބެސެޑަރުން ކަނޑައަޅާފައިވެއެވެ. އެ ދާއިރާތަކުގެ ތެރޭގައި އެމްބިޝަން، ކަލްޗަރ، ފައިނޭންސް، ޕާލިމަންޓްސް އަދި އިޔާދަކުރަނިވި ހަކަތައާއި ވަލްނަރަބިލިޓީ ހިމެނެއެވެ.
ރައީސް ނަޝީދަށް އަރުވާފައި ވަނީ 'ތީމެޓިކް އެމްބެސެޑަރ އޮފް ސީވީއެފް ފޯ ދަ ތީމެޓިކް ޑޮމެއިން އޮފް އެމްބިޝަން' އެވެ.



