އިންޑިއާގެ އާ ޕާލަމެންޓް އިމާރާތްކުރުމަށް 117 މިލިއަން ޑޮލަރަށް ބަޔަކާ ހަވާލުކޮށްފި

އިންޑިއާގެ އާ ޕާލަމެންޓް އިމާރާތްކުރުމަށް 117 މިލިއަން ޑޮލަރަށް އިންޑިއާގެ ޓާޓާ ކުންފުންޏާއި ހަވާލު ކޮށްފިއެވެ.

އިންޑިއާގެ މިހާރު ޕާލަމެންޓް އިމާރާތަކީ 1920 ވަނަ އަހަރު ބިނާކޮށްފައިވާ އިމާރާތެކެވެ. ޓާޓާ ކުންފުންޏަށް އިމާރާތް ކުރުމަށް ހަވާލުކުރި އާ އިމާރާތް 2022 ވަނަ އަހަރު އަންނައިރު ހުޅުވޭވަރަށް ނިންމަން ޖެހެއެވެ. 2022 ވަނަ އަހަރަކީ އިންޑިއާއަށް މިނިވަންކަން ލިބުނުތާ 75 އަހަރު ފުރޭ ޑައިމެންޑް ޖުބްލީ ފާހަގަ ކުރާނެ އަހަރެވެ.

އިންޑިއާ ސަރުކާރުން އިންޑިއާގެ އާ ޕާލަމެންޓް އިމާރާތް އަޅަން ނިންމައިފައިވަނީ އެގައުމުގެ ވެރިރަށް ނިއުދިއްލީގައި ހުންނަ ކުރީގެ ސަރުކާރު އިމާރާތްތައް އަލުން މިޒަމާނާ އެއްގޮތަށް ބިނާކުރުމަށް އެކުލަވާލި 2.7 ބިލިއަން ޑޮލަރުގެ ޕުރޮޖެކްޓުގެ ދަށުންނެވެ.

ކޮވިޑް-19ގެ ބިރުވެރިކަން ދުވަހެއް ދުވަހަކަށް އިންޑިއާގައި ބޮޑުވަމުންދާ މިފަދަ ދަނޑިވަޅެއްގައި މިބަލި ކޮންޓުރޯލް ކުރުމަށް އެކަށީގެންވާ އަދަދެއްގެ ފައިސާ ހަރަދު ނުކޮށް މިހާ ބޮޑު އަދަދެއް އިމާރާތް ކުރުމުގެ ދާއިރާއަށް ހަރަދު ކުރުމަށް ނިންމައިފައިވާތީ އެގައުމުގެ އިދިކޮޅު ފަރާތްތަކުން އަންނަނީ ވަރަށް ބޮޑަށް މިކަމުގައި ފާޑު ކިޔަމުންނެވެ.

މި ފާޑު ކިޔުންތަކާއި ގުޅިގެން އިންޑިއާގެ މައި ސަރުކާރުން ބުނެފައިވަނީ، ޕާލަމެންޓަށް އިންތިހާބުކުރާ މެންބަރުންގެ އަދަދާއި އަދި ޕާލަމެންޓުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު މިހާރު އެތައް ތަނެއް އިތުރުވެ މިހާރު ހުރި ޕާލަމެންޓް ބިލްޑިން މިއަދަދުތަކުގެ މީހުން ބޭނުން ކުރުމަށް އެންމެ އެކަށީގެން ނުވާ ކަމަށެވެ.

އަލަށް އެޅުމަށް އިންޑިއާ ސަރުކާރުން ޓާޓާ ކުންފުންޏާ ހަވާލުކުރި އިމާރާތް ހުއްނާނީ ތިނިސްކަން ބައްޓަމަށް ކަމަށާއި މި އިމާރާތުގައި 1،400 ޕާލަމެންޓު މެންބަރުންނަށް މަސައްކަތް ކުރެވޭނެ ކަމަށް އިންޑިއާގެ ނޫސްތަކުން މައުލޫމާތު ދެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ