އަޅުގަނޑުގެ ވެރިކަމެއްގައި އެއްވެސް ގައުމެއްގެ މިލިޓަރީ ސިފައިންނަށް ނުތިބެވޭނެ ކަމަށް ރާއްޖޭގެ ކުރީގެ ހޯމްމިނިސްޓަރު އަދި 2023 ވަނަ އަހަރު ރާއްޖޭގެ ރައީސް ކަމަށް ވާދަކުރައްވާ، އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު ނަސީރު މިހެން ވިދާޅުވެފެފައި ވަނީ ރޭ ބޭއްވި “ޗެޓް ވިތް އުމަރު” އިވެންޓް ގައި ވާހަކަ ދައްކަވަމުންނެވެ.
މި އިވެންޓްގައި އިންޑިއާގެ މިލިޓަރީ ހާޑްވެއާ ކިހާ ވަރަކަށް ރާއްޖެއަށް އިތުރުވެފައިވޭތޯ ކުރި ސުވާލަށް ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ، އިންޑިއާގެ މިލިޓަރީ ހާޑްވެއާ އަށް ބަލާއިރު 10 ރާޑާ ސްޓޭޝަން، 2 ހެލިކޮޕްޓަރު އަދި 3 ޑޯނިއާ އެބައޮތް ކަމަށާއި ކުރިއަށް އޮތް ތަނުގައި އިންޑިއާގެ ސިފައިން އެމީހުންގެ މިލިޓަރީ ހާޑްވެއާ އިތުރުކުރާނެ ކަމަށެވެ.
އިންޑިއާ އާއި އެކު ވާ ހުރިހާ އެއްބަސްވުމެއް ވެސް ވާންވީ ކަމަށާއި އެއްބާރުމެއް ވެސް ދޭންވީ ކަމަށާއި އެކަމަކު އެކަން ކުރަން ޖެހޭނީ ސިފައިން ނުބައިތިއްބާ ކަމަށް އުމަރު ވިދާޅުވިއެވެ.
ރާއްޖޭގެ ތާރީހުގައި މިހާ ހިސާބަށް ބޭރު ގައުމެއްގެ ސިފައިން ދިވެހި ރާއްޖެގައި ތިބީ 2 ހާލަތެއްގައި ކަމަށާއި ފުރަތަމަ ފަހަރު އެއީ ދޮން ބަންޑާރައިން ފަރަންސޭސި ސިފައިން ގެނައުން ކަމަށާއި އޭގެ ފަހުން 2 ވަނަ ބޮޑު ހަނގުރާމާގައި ދުވަސްވަރު ރާއްޖެއަށް ހަމަލައެއް އައިސްފާނެތީ އިނގިރޭސި ސިފައިން އައްޑުއަތޮޅުގައި ބޭތިއްބުނު ކަމަށް ވިދާޅުވިއެވެ.
"ދިވެހިންނާއި ފްރާންސް މީހުންނާއި ތަޅައި ގަނެ ފްރާން މީހުން ދޮން ބަންޑާރައިން ގަޔަށް ފިސްތޯލު ޖަހާ އެމީހުން ބާލަން ޖެހުނީ ގަދަކަމުން. އިނގިރޭސި ސިފައިން އައްޑުއަތޮޅުގައި ތިބެގެން ދިވެހިން ކުރި ތަޖްރިބާ އަކީ ވެސް އާދައިގެ ތަޖްރިބާއެއް ނޫން. ބޭރު ގައުމެއްގެ ސިފައިން އަޅުގަނޑުމެންގެ ގައުމުގައި ތިބޭ ތިބުން އެއީ އަބަދުވެސް އޮންނަ ނުރައްކަލެއް." އުމަރު ވިދާޅުވިއެވެ.
އަޅުގަނޑަށް ޔަގީންވާ ކަމަކީ ﷲ އިރާދަ ކުރެއްވިއްރާ އަޅުގަނޑު 2023 ގައި ރައްޔިތުން އިންތިހާބު ކޮށްފިނަ އިންޑިއާ ސިފައިން ބާލާނެ ކަމަށް އުމަރު ވިދާޅޫވިއެވެ.
"އެއްވެސް ސުވާލެއް ނޯންނާނެ. އެއްވެސް ސުވާލެއް ނޯންނާނެ. އަޅުގަނޑަށް ދެއްކޭނެ އެއްވެސް ޗަރުކޭހެއް ނޯންނާނެ. ދޮން ބަނޑާރައިން ބޭލި ގޮތައް ބާލަން ޖެހިއްޖެ ނަމަ ދޮން ބަންޑާރައިން ބޭލި ގޮތައް އަޅުގަނޑު ބާލާނަން." އުމަރު ވިދާޅުވިއެވެ.
އުމަރު އިތުރަށް ވިދާޅުވީ، ﷲ އިރާދަ ކުރެއްވިއްރާ އަޅުގަނޑުގެ ވެރިކަމެއްގައި އެއްވެސް ގައުމެއްގެ މިލިޓަރީ ސިފައިންނަށް ދިވެހި ރާއްޖެއަކު ނުތިބެވޭނެ އަދި އެމީހުންގެ އުޅަނދުތައް ވެސް ނުބޭތިއްބޭނެ ކަމަށެވެ.



