އަތޮޅުތެރޭގެ ހޮސްޕިޓަލުތަކާއި ޞިއްޙީ މަރުކަޒުތަކަށް ސީނިއަރ މެޑިކަލް އޮފިސަރުންނާއި، މެޑިކަލް އޮފިސަރުންގެ މަޤާމަށް 385 ދިވެހިން ހޯދުމަށް ހެލްތު މިނިސްޓްރީ އިން މިއަދު އިއުލާން ކޮށްފިއެވެ.
ހެލްތު މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ވިދާޅުވީ، މިނިސްޓްރީ އޮފް ހެލްތު ގެ ދަށުން ހިނގަމުންދާ ހޮސްޕިޓަލްތަކާއި މަރުކަޒުތަކުގައި މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް މަރުޙަބާ ދަންނަވާ ކަމަށާއި، މިވަޒީފާތަކަށް ބޭނުންވަނީ މަސައްކަތައް ޝައުޤުވެރިކަން ހުރި މަސައްކަތައް ޤާބިލު މުވައްޒަފުންނެވެ.
ހެލްތު މިނިސްޓްރީގެ އިއުލާނުގައި ނުވަ ރޭންކެއްގެ ޑޮކްޓަރުންނަށް ލިބޭނެ މުސާރަ އާއި ޝަރުތުތައް ބަޔާން ކޮށްފައިވާއިރު، އެންމެ މަތީ ރޭންކްގެ ސީނިއަރ މެޑިކަލް އޮފިސަރަކަށް މުސާރަ އާއި ސާވިލް އެލަވަންސާއި އެކު މަހަކު -/30290 ރުފިޔާ ލިބޭނެއެވެ. އަދި އެންމެ ދަށް ރޭންކްގެ މެޑިކަލް އޮފިސަރަކަށް މުސާރަ އާއި ސާވިލް އެލަވަންސާއި އެކު މަހަކު -/23340 ރުފިޔާ ލިބޭނެއެވެ.
ދިވެހި ޑޮކްޓަރުން ބޭނުންވާ ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކުގެ މައުލޫމާތު ވެސް އިއުލާނުގައި ހިމަނާފައިވާއިރު، އެންމެ ގިނަ ދިވެހި ޑޮކްޓަރުން ބޭނުން ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށެވެ. އެހޮސްޕިޓަލަށް 17 ޑޮކްޓަރަކު ބޭނުންވާ ކަމަށް އިއުލާނުގައި ވެއެވެ.
ދެން އެންމެ ގިނަ ދިވެހި ޑޮކްޓަރުން ބޭނުން ވަނީ ލ.ގަން ރީޖަނަލް ހޮސްޕިޓަލަށާއި ތިނަދޫގައި ހުންނަ އަބްދުލް ޞަމަދު މެމޯރިއަލް ހޮސްޕިޓަލަށެވެ. އެ ދެ ހޮސްޕިޓަލްގެ ތެރެއިން ކޮންމެ ހޮސްޕިޓަލަކަށް ވެސް 14 ޑޮކްޓަރުން ބޭނުން ވެއެވެ.
މީގެ އިތުރުން އަތޮޅު ހޮސްޕިޓަލްތަކަށް ގިނަ މެޑިކަލް އޮފިސަރުން ބޭނުންވާއިރު، ރަށްތަކުގެ ހެލްތު ސެންޓަރުތަކަށްވެސް މެޑިކަލް އޮފިސަރުން ބޭނުންވާކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
މަޤާމަށް އެދި ހުށަހަޅަންހޭ ތަކެތި ހުށަހަޅާނީ 09 ޖޫން 2019 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ވަޒީފާއަށް އެދޭ ހޮސްޕިޓަލެއް ނުވަތަ މަރުކަޒަކަށެވެ. މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 2019 ޖޫން 16 އާއި 2019 ޖުލައި 04 އާ ދެމެދު ވަޒީފާއަށް އެދޭ ހޮސްޕިޓަލެއް ނުވަތަ މަރުކަޒެއް ގައި ކަމަށް އިއުލާނުގައި ވެއެވެ.
މިއީ ރައީސް ޞާލިހްގެ ސަރުކާރުން މިހައި ގިނަ ޑޮކްޓަރުން ހޯދަން އިއުލާން ކުރި ފުރަތަމަ ފަހަރެވެ.



