ރައީސް ނަޝީދު އަދި ރައީސް މަޢުމޫން- ފޮޓޯ: ރައީސް އޮފީސް

ރައީސް މަޢުމޫނަށް ވުރެ ރައީސް ނަޝީދުގެ އަނިޔާވެރިކަން ބޮޑު: ޝުޢައިބު

ރައީސް މަޢުމޫންގެ އަނިޔާވެރިކަމަށްވުރެ ރައީސް ނަޝީދުގެ އަނިޔާވެރިކަން މިއަދު ބޮޑުވެފައިވާ ކަމުގައި އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީގެ ނައިބު މުޤައްރަރު ޝުޢައިބު ޢަލީ (ފުރަހަނި ޝުޢައިބު) ވިދާޅުވެއްޖެއެވެ.

ޝުޢައިބު މިހެން ވިދާޅުވެފައި މިވަނީ މިއަދަކީ ރައީސް މަޢުމޫންގެ ވެރިކަމުގެ އަނިޔާވެރިކަން ހައްދުފަހަނަ އަޅާފައިވާކަން އެންމެ ބޮޑަށް ފާހަގަވި އެއްދުވަސް ކަމަށް ރައީސް ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ މިއަދަކީ ޖަލުގައި އީވާން ނަޞީމް ގައިގައި ތަޅާ މަރާލި ދުވަސް ކަމަށެވެ.

"އަނިޔާއާއި ދެކޮޅަށް ދިވެހިން ތެދުވެ ރާއްޖެ ބަދަލު ކުރުމަށް ނިންމާ ނުކުން ދުވަސް" ރައީސް ނަޝީދު ވިދާޅުވެފައި ވެއެވެ.

ރައީސް ނަޝީދަށް ރައްދު ދެއްވައި ޝުޢައިބު ވިދާޅުވެފައި ވަނީ ރައީސް ނަޝީދުގެ އަނިޔާވެރިކަން ރައީސް މަޢުމޫނަށް ވުރެ މިއަދު މިވަނީ ބޮޑުވެފައި ކަމަށާއި، ރައީސް ނަޝީދުއަކީ ކަލާނގެ ކަމަށް ޤަބޫލު ނުކުރާ މީހަކަށް ނަޝީދުގެ ބާރު ފޯރާ ހުރިހާ މުއައްސަސާއަކުން ފުރައްސާރަކޮށް އަނިޔާ ކުރަމުން ގެންދާ ކަމަށެވެ.

"އަނިޔާވެރިކަމޭ ވިދާޅުވާން ލަދު ކޮބައިތޯ؟" ޝުޢައިބު ވިދާޅުވެފައި ވެއެވެ.

ޝުޢައިބު ދާދި ފަހުން ވަނީ އެމްޑީޕީގެ ރައީސް ރައީސް މުޙައްމަދު ނަޝީދު ޕާޓީގެ އަސާސީ ޤަވާއިދާ ޚިލާފަށް އަމަލުކުރައްވާކަމަށް ވިދާޅުވެ އެމަނިކުފާނުގެ މައްސަލަ ބަލައި ދިނުމަށް އެދި ޕާޓީގެ ޗެއަރ ޕާސަން ޙަސަން ލަތީފްއަށް ދަންނަވާފައެވެ.

މީގެ އިތުރުން ޕާޓީގެ އެންމެ އިސް ފަރާތަކީ ރައީސް ނަޝީދު ކަމަށް ޙަސަން ލަޠީފް ވިދާޅުވުމާއިއި ގުޅިގެން ޝުޢައިބު ވަނީ އޭނާ ޕާޓީގެ ޗެއަރ ޕާސަންގެ މަޤާމުން ވަކިކޮށްދިނުމަށްވެސް އެދިފައެވެ.

ޝުޢައިބު މިހާރު ވަނީ އެމްޑީގެ ފިޔަވަޅު އަޅާ ކޮމެޓީގެ ނައިބު މުޤައްރަރު ކަމުންނާއި އެ ކޮމެޓީގެ މެންބަރު ކަމުން އެކަހެރިކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ