ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކޮށް މޫސުމަށް ސަމާލުވާން މެޓުން އިލްތިމާސްކޮށްފިއެވެ. އަދި މެދުރާއްޖެތެރެއާއި ދެކުނުގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް ޔެލޯ އެލާޓްވެސް ވަނީ ނެރެފައެވެ.
މެޓް އޮފީހުން ނެރުނު ޔެލޯ އެލާޓްގައި ވިދާޅުވެފައިވަނީ، މިއަދު މެންދުރު 12:00 އިން އިން ފެށިގެން ހަވީރު 15:00 އާ ދެމެދުގެ ވަގުތުތަކުގައި ފ.އަތޮޅުން ފެށިގެން ގއ.އަތޮޅާ ދެމެދުގެ ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.
ދެވަނަ ފަހަރަށް މިއަދު ޔެލޯ އެލާޓް ނެރުނުއިރު، މިއަދު ހެނދުނު 09:00 އިން މެންދުރު 12:00 އާ ހަމައަށް ތ.އަތޮޅުން ފެށިގެން ގދ.އަތޮޅަށް އޮތީ ޔެލޯ އެލާޓް ނެރެފައެވެ.
ALERT YELLOW
— Maldives Meteorology (@MetMaldives) May 27, 2019
Advisory:
Torrential rain and thunderstorms.
Area: From Faafu Atoll to Gaafu Alifu Atoll.
Period: 1200 hrs - 1500 hrs.
ISSUED: 1145 hrs 27 May 2019.
-MetService- pic.twitter.com/nIhQ6XrxnS
މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކިހިސާބަަށް ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށާއި، ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
ހުޅަނގުދެކުނާއި ހުޅަނގުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 07 މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި، އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.
"ބޯކޮށް ވާރޭވެހި ، ވިލާގަނޑުގައި ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭތީވެ އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރަން." މެޓް އޮފީހުން ވިދާޅުވިއެވެ.
މެޓް އޮފީހުން އިތުރަށް ވިދާޅުވީ، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށާއި، އެހެން ހިސާބުތަކުގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ ކަމަށެވެ.