އަހަންނަށް ކޮވިޑް ހުއްޓުވިދާނެތަ؟

ކޮވިޑް-19 ހުއްޓުވަން ކުރެވޭނީ ކޮން ކަމެއްތޯ ބައެއް މީހުން އަދިވެސް ސުވާލު ކުރެ އެވެ. އެ މީހުން ދެކޭ ގޮތުގައި، ފަރުދީ ފެންވަރުގައި އެކަމަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތެވެ. އެފަދަ އެކަކީ އަބްދުއްރަހީމް، 40، އެވެ. އޭނާ ދެކޭ ގޮތުގައި، އޭނާ ކިތަންމެ ބޮޑަކަށް ރައްކާތެރިވެގެން އުޅުނަސް މުޖުތަމައުގެ ތެރޭގައި އެ ބަލި މިހާރު ފެތުރިފައި އޮތް މިންވަރަށް ބަލާއިރު ދެން ކުރެވޭނެ މާ ބޮޑު ކަމެއް ނެތެވެ.

ކޮވިޑް-19 އަކީ އަދި ވެކްސިނެއް ނުވަތަ ވަކި ހާއްސަ ފަރުވާއެއް ހޯދިފައި ނުވާ ބައްޔަކަށް ވިޔަސް އެ ބައްޔާ ބެހޭ ގޮތުން ވެސް ސައިންސްވެރިން ވަނީ ވަރަށް ގިނަ މައުލޫމާތު ހޯދައި ހާމަކޮށްފަ އެވެ. އެގޮތުން، އެންމެންނަށް ވެސް ކަށަވަރުކަމާ އެކު އެނގޭ އެއް ކަމަކީ، އެއީ ވަރަށް ފަސޭހައިން ފެތުރޭ ބައްޔެއް ކަމެވެ. އެއީ ވަކި މުއްދަތެއްގެ ތެރޭގައި ރަނގަޅުވާ ބައްޔެއްކަން ވެސް ވަނީ ހޯދިފަ އެވެ. މިހާތަނަށް ހޯދުންތަކުން އެނގޭ ގޮތުގައި، ކޮވިޑް-19 ބަލިޖައްސާ ވައްތަރުގެ ކޮރޯނާވައިރަސް ހަށިގަނޑަށް އަރާތާ 14 ދުވަހަށް ފަހު އެ މީހެއްގެ ފަރާތުން އެހެން މީހުންނަށް އެ ވައިރަސް ދިއުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ.

މިއީ، އަބްދުއްރަހީމް މެން ފަދަ މީހުން ވިސްނާލަން ވަރަށް މުހިއްމު ކަމެކެވެ.

ވިސްނާލަން ފަސޭހައަކަށް މި ތަނުގައި ދެ މިސާލެއް ހިމަނާލާނަމެވެ. އިބްރާހީމް ޝަރީފަކީ، މާލޭގެ ކާރޫބާރޫ ބޮޑު ބާޒާރުމަތީގައި ހުންނަ ފިހާރައެއްގައި މަސައްކަތް ކުރާ މީހެކެވެ. އޭނާއާ އެކުގައި އުޅޭ މީހަކު ދާދި ފަހުން ކޮވިޑަށް ފައްސިވި އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަމަލުކުރާ އުސޫލަކީ، އެ ބައްޔަށް ފައްސިވާ މީހަކާ ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ އެންމެންގެ ވެސް ސާމްޕަލް ނަގައި އެކަހެރި ކުރުމެވެ. އެހެންވެ، އިބްރާހީމްގެ އެކުވެރިޔާ އަށް އިބްރާހީމް ނަސޭހަތް ދީފައި އޮތީ ފައްސިވިޔަސް އިބްރާހީމްގެ ވާހަކަ ނުބުނުމަށެވެ. އެއީ، އެ ހާލަތުގައި އޭނާ އަށް ފިހާރަ ހުޅުވައިގެން ވިޔަފާރިކުރަން ނީނދެވޭ ގޮތެއް ވެދާނެތީ އެވެ.

އިބްރާހީމްގެ އެކުވެރި އަލީ އަކްރަމް ކޮވިޑަށް ފައްސިވުމުން ނުވަތަ އެޗްޕީއޭ އިން ކޮންޓެކްޓް ޓްރޭސިން ހެދި އިރު އިބްރާހީމްގެ މައުލޫމާތު އޮތީ ނުދީ އެވެ. އެހެންވެ، އިބްރާހީމްގެ ސާމްޕަލެއް ނުނެގުނެވެ. އޭނާގެ ގައިން ބަލީގެ އަލާމާތެއް ވެސް ނުފެންނާތީ، އާދައިގެ މަތިން ގޮސް ފިހާރައިގައި އުޅުނެވެ. ކޮވިޑަކީ ސީރިއަސް ބައްޔެއް ކަމަށް މާ ބޮޑަށް ނުދެކޭތީ، މާސްކް އެޅުމާއި ގިނަގިނަ އިން އަތް ދޮވުން ފަދަ ކަންތައްތަކަށް ވެސް އޭނާ ސަމާލުކަމެއް ނުދެ އެވެ. އަތޮޅުތެރެ އަށް ފުރާ ބޯޓަކަށް ވެސް އިބްރާހީމްގެ ފިހާރައިން އޭގެ އަނެއް ދުވަހު މުދާ އެރުވި އެވެ. އެކަމުގެ ތެރޭގައި އެ ފިހާރައިގެ ބިދޭސީ މަސައްކަތު މީހާ އާއި ބޯޓުގެ ފަޅުވެރިންނާ ދެމެދު ވެސް ގިނަ މުއާމަލާތްތައް ހިނގި އެވެ.

އޭގެ ހަފްތާއެއްހާ ދުވަސް ފަހެވެ. އިބްރާހީމަށް ޚަބަރު ލިބުނު ގޮތުގައި، އޭނާ އާއްމުކޮށް ސައިބޯން ގޮސް އުޅޭ ހޮޓަލުގެ ބަޔަކު ކޮވިޑަށް ފައްސިވެއްޖެ އެވެ. އޭނާގެ ފިހާރަ އިން މުދާ އެރުވި ބޯޓު ދަތުރުމަތީގައި ބަނދަރުކުރި ދެ ރަށަކުން ވެސް ކޮވިޑްގެ ކޭސްތައް ފެނިއްޖެ އެވެ.

މިވީ ގޮތް މިހާރު އެންމެންނަށް ވެސް ކޮންމެވެސް ވަރަކަށް އެނގޭނެ އެވެ؛ މިވީ ގޮތަކީ، އިބްރާހީމްގެ އެކުވެރިޔާ ކޮވިޑަށް ފައްސިވިއިރު އޭނާ ވެސް ހަގީގަތުގައި ހުރީ އެ ބައްޔަށް ފައްސިވެފަ އެވެ. ކޮވިޑަކީ އެބަލި ޖެހޭ ކޮންމެ މީހެއްގެ ގައިން އަލާމާތްތައް ފެންނަ ބައްޔަކަށް ނުވާތީ އިބްރާހީމްގެ ގައިން އަލާމާތްތައް ނުފެނުނީ އެވެ. އެހެން ހުރެ ފިހާރަ ހުޅުވައިގެން އުޅުނުއިރު މާސްކް އެޅުމަށާއި އަތް ދޮވުން ނުވަތަ ސެނިޓައިޒާ ފަދަ އެއްޗެއް ބޭނުންކޮށްގެން ރަނގަޅަށް އަތް ސާފުކުރުން ކަހަލަ ކަންތައްތަކަށް ސަމާލުކަން ނުދިނުމުން، އޭނާގެ ގައިން ފިހާރައިގެ މަސައްކަތު މީހާ އަށް ވެސް ބަލި އެރީ އެވެ. އެ މީހުންގެ ފަރާތުން ބޯޓުގެ ފަޅުވެރިންނަށް އަދި ފަޅުވެރިންގެ ފަރާތުން ބޯޓު ދަތުރުކުރި ރަށްރަށަށް ބަލީގެ ޗޭނެއް ގެތިގެން ދިޔައީ އެވެ.

ހޮޓަލުގެ މީހުންނަކީ ވެސް އެ ޗޭނުގެ ބޮޅެކެވެ. އެގޮތަށް ގޮސް، އިބްރާހީމްގެ ޗޭނުގައި 12 ވަރަކަށް މީހުން ހިމެނުނީ އެވެ. އެ 12 މީހުންގެ ތެރޭގައި އިބްރާހީމް ފަދައިން އަމަލުކުރި ބަޔަކު ތިބެއްޖެ ނަމަ ވާނެ ގޮތް ހިޔާލަށް ގެންނާށެވެ. އަދަދުތައް ގުނަވެގެންދާނެ އެވެ. އެހެން ދާއިރު އޭގެ ތެރޭގައި ހައި ރިސްކް މީހުން ތިބި ނަމަ އެ މީހުންނަށް ޖެހޭނީ ފެސިލިޓީއެއްގައި އެޑްމިޓްކޮށްގެން ފަރުވާދޭށެވެ. އެ ހިސާބުން އަނެއްކާ ވެސް ސިއްހީ ނިޒާމަށް އިތުރަށް ބާރު ބޮޑުވެގެންދިޔައީ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި ބޭއްވި މީޑިއާ ބްރީފިންގައި، އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ، ކޮވިޑަށް ފައްސިވާ މީހުންގެ ކޮންޓެކްޓުން ހޯދަން ސުވާލުކުރުމުން މިހާރު ގިނަ ބަޔަކު ބުނަނީ ވީހާ ވެސް މަދު ބައެއްގެ ވާހަކަ ކަމަށެވެ. ޑރ. އަފްޒަލް ގަބޫލުކުރައްވާ ގޮތުގައި، ކުރިން ފައްސިވި މީހުންގެ ކޮންޓެކްޓުން ގިނަ އަދަދަކަށް ތިބެފައި މިހާރު އެ އަދަދުތައް ކުއްލިއަކަށް މަދުވެފައި ވަނީ މައުލޫމާތު ނުދޭތީ އެވެ.

"ބައެއް ފަހަރަށް ކޭސްއެއް ފެނިގެން އޭނާ ގާތު އަހައިލީމާ، އޭނާ ކުރީގެ ކޭސްއަކާ ކޮންޓެކްޓްވިކަން އަޅުގަނޑުމެންނަށް އެބަ އެނގިގެންދޭ. އެހެން ނަމަވެސް، އެ ވަގުތު އެކަން ހަނދާން ނެތުނީއޭ، އޭރުގައި އެކަން އަންގަން ހަނދާން ނެތުނީއޭ ބުނެ، އޭރުގައި އެ މައުލޫމާތު ހަމަ އަޅުގަނޑުމެންނާ ހިއްސާ ނުކުރެވުނުކަން ހާމަވަނީ،" އަފްޒަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެ ގޮތަށް ކަންތައްކުރުން ހުއްޓުވުމަކީ ހަރުކަށި ފިޔަވަޅު އަޅައިގެން ކުރެވޭނެ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ، އާއްމުންނަށް އެކަމުގެ މުހިއްމުކަން ވިސްނިގެން ނޫނީ ކުރެވޭނެ ކަމެއް ނޫންކަން ޑރ. އަފްޒަލް ފާހަގަކުރެއްވި އެވެ. އާއްމުން ވިސްނަންވީ، އޭނާ ވިދާޅުވި ގޮތުގައި، މިފަދަ ބޮޑު ބަލިމަޑުކަމެއް ހުއްޓުވޭނީ ކޮންމެ މީހަކު ވެސް ސައްހަ މައުލޫމާތު ދީގެން ކަމެވެ.

ދެވަނަ މިސާލަކީ އަހުމަދު އަލީ ކަންތައް ކުރި ގޮތެވެ. އޭނާގެ އެކުވެރިންގެ ބަޔަކު ބައްޔަށް ފައްސިވި ވާހަކަ އިވުމާ އެކު އަހުމަދު އެޗްޕީއޭ އަށް ގުޅީ އަމިއްލަ އަށެވެ. އެ ހިސާބުން އެޗްޕީއޭ އިން އޭނާގެ ސާމްޕަލް ނެގުމަށް ފަހު އޭނާ އަށް އެންގީ ގޭގައި އެކަހެރިވުމަށެވެ. ފެސިލިޓީއަކަށް ގެންދިއުމާ ދެމެދު ހޭދަވި މުއްދަތުގައި އަހުމަދު އުޅުނީ ގޭގެ ކޮޓަރިއެއްގައި އައިސޮލޭޓް ވެގެންނެވެ. ގޭގެ އެހެން މީހުންނާ ކޮންޓެކްޓް ވެދާނެ ހުރިހާ ދޮރެއް އޭނާ އުޅުނީ ބަންދުކޮށްގެންނެވެ.

ކަރަންޓީނު ފެސިލިޓީއެއްގައި ހުރެ އަހުމަދު ރަނގަޅުވިއިރު، އޭނާގެ ފަރާތުން އިތުރު ކޮންޓެކްޓެއް ނެތެވެ. ބަލީގެ ޗޭނު އޭނާއާ ހިސާބުން ނިމުނީ އެވެ.

ކޮވިޑުން ރައްކާތެރިވާން ކަމާ ބެހޭ ތަޖުރިބާކާރުން ދެއްވާ އިރުޝާދުތަކަކީ ވަރަށް އާދައިގެ އިރުޝާދުތަކެއް ކަމަށް ވިޔަސް، ހާލަތާއި މީހުން ދިރިއުޅޭ ތަންތަނަށް ހާއްސަކޮށްގެން ސިއްހީ މާހިރުން ގެންދަވަނީ ތަފާތު ގިނަ އިރުޝާދުތައް މެދުނުކެނޑި ދެއްވަމުންނެވެ. ދުނިޔޭގެ އެކި ގައުމުތަކުގައި އަމަލުކުރަން ޖެހޭ ތަފާތު ގިނަ ގައިޑްލައިންތައް މިހާރު ވަނީ އެކުލަވާލައި ޝާއިއުކޮށްފަ އެވެ.

އެޗްއީއޯސީން ތަކުރާރުކޮށް ހަނދާންކޮށްދޭ އެއް ކަމަކީ މަސައްކަތުގެ މާހައުލުގައި އުޅޭއިރު ބަލިފެތުރުނަ ނުދިނުމަށް ސަމާލުކަން ދޭން ޖެހޭ ކަންތައްތަކެވެ. އެޗްއީއޯސީގެ މީޑިއާ ބްރީފިންއެއްގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގް ވިދާޅުވީ، އޮފީސް މާހުލުގައި އުޅޭއިރު މިހާރު ހާއްސަ ސަމާލުކަމެއް ދޭން ޖެހިފައިވާ ކަމަށެވެ. އެއީ، ރާއްޖޭގެ ގިނަ އޮފީސްތައް މިހާރު ހުޅުވައިގެން ހިދުމަތްދެމުން އަންނާތީ އެވެ.

"ހުރިހާ ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ، އޮފީސް މާހައުލުގައި މަސައްކަތްކުރައްވާ ފަރާތްތަކުން އަމަލުކުރަން ޖެހޭ ގޮތާ އަދި ވަޒީފާ ދޭ މީހުން ވެސް އޮފީސް މާހައުލުގައި އަޅުއްވަން ޖެހޭ ފިޔަވަޅުތައް އަޅުގަނޑުމެންގެ ގައިޑްލައިންތަކުގައި ވާނެ. އެހެންވީމާ، މި ގައިޑްލައިންތަކާ އެއްގޮތަށް ހުރިހާ ބޭފުޅުން ވެސް އަމަލުކުރެއްވުމަކީ މަސައްކަތުގެ މާހައުލުގައި ބަލިފެތުރުމުގެ ފުރުސަތު ކުޑަވާނެ ކަންކަން،" އޭނާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވި ގޮތުގައި، އޮފީސް މާހައުލުގައި އެންމެ ބޮޑަށް ސަމާލުކަން ދޭންޖެހޭ އެއް ކަމަކީ، މާސްކް އަޅައިގެން އުޅުމާއި މީހުންގެ މެދުގައި ގައިދުރުކަން ބެހެއްޓުމެވެ. މާސްކް އަޅާއިރު އެކަމުގެ ފައިދާ ކުރާ ގޮތަށް ރަނގަޅަށް އުސޫލުތައް ބަހައްޓަން އޭނާ ހަނދާންކޮށްދެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި، މާސްކް އަޅައިގެން އުޅުމަށް ފަހުގައި އެކިއެކި ބޭނުންތަކަށް މާސްކް ނަގައިގެން އުޅުމަކީ ބައްޔަށް އެކްސްޕޯޒްވާނެ ކަމެކެވެ. އެ ހާލަތުގައި މީހަކު ބައްޔަށް ފައްސިވެއްޖެ ނަމަ، އެ މީހުން ވާނީ ކޮންޓެކްޓުންނަށެވެ.

"އެހެންވީމާ، މި ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރެއްވުމަކީ މަސައްކަތުގެ މާހައުލުގައި ބަލިފެތުރުން ކުޑަވާނެ ކަންކަން،" އޭނާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ދެއްވި އިރުޝާދުން އެނގުނު ގޮތުގައި، އޮފީސްތަކަށް ނުކުންނަ މީހުން ވެސް މަސައްކަތުގެ މާހައުލުގައި މާސްކް ނަގައިގެން، އެކުގައި ކައިބޮއި ހެދުން ފަދަ ކަންތައްތައް ކޮށްގެން ނުވާނެ އެވެ.

ކޮވިޑް އެންމެ ފުރަތަމަ ފެނުނު ގައުމުކަމަށްވާ ޗައިނާގައި އެ ބަލި ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ވުމަށް ފަހު އޮފީސްތައް އަލުން ހުޅުވާލީ އެފަދަ ކަންކަމަށް ވަރަށް ރަނގަޅު އުސޫލުތައް ހަދައިގެންނެވެ. އެގޮތުން، މުވައްޒަފުންނަށް ކެއިންބުއިމުގެ ހިދުމަތް ދެވޭ ގޮތަށް ހުރި އޮފީސްތަކުގައި ޕާޓިޝަން ޖަހައި، އެކި މީހުން ކޮންޓެކްޓް ނުވާނެ އިންތިޒާމްތައް ހަމަޖައްސަން ޗައިނާ ސަރުކާރުން އެންގި އެވެ.

އިބްރާހީމާއި އަހުމަދުގެ މިސާލަށް ވިސްނާށެވެ. އެކަކު ބެލީ ކޮވިޑަކީ މާ ބޮޑު ކަމެއް ނޫން ކަމަށެވެ. އެހެންވެ، އޭނާ ބެލީ އެ ބަލިން ރައްކާތެރިވާން އަޅަން ޖެހޭ ފިޔަވަޅުތަކަށް ރައްކާތެރިވެވޭތޯއެއް ނޫނެވެ. ބަލިން ސަލާމަތްވުމަށާއި ސަލާމަތްކޮށް ދިނުމަށް ސަމާލުވުމުގެ ބަދަލުގައި އޭނާ ވިސްނީ ފިޔަވަޅުތަކުން ރެކެވޭނެ ގޮތެއް ހޯދައި އެ ގޮތަކަށް އުޅުމަށެވެ.

އޭގެ ނަތީޖާ ވަރަށް ހިއްޗެވެ. އޭނާގެ ފަރާތުން އިތުރު 12 ވަރަކަށް މީހުންނަށް ބަލި ޖެހި، އޭގެ ތެރެއިން ބައެއް މީހުންނަށް ހޮސްޕިޓަލްގައި ފަރުވާދޭން ޖެހުނީ އެވެ. މީގެ މާނަ އަކީ، އޭނާ ސަމާލުވާން ޖެހޭ ވަރަށް ސަމާލު ނުވުމުގެ ސަބަބުން އެތައް ބަޔަކަށް އޭގެ ގެއްލުން ވުމެވެ. އިބްރާހީމަކީ ގަދަވެ ސަލާމަތުން ހުރި މީހަކަށް ވާތީ އެ ބަލީގެ ސަބަބުން އޭނާގެ އަމިއްލަ ހަށިގަނޑާއި ނަފްސަށް މާ ބޮޑު ކަމެއް ނުވުމަކީ އެހެން މީހުންނަށް ރައްކާތެރިކަން ނުދޭންވީ ސަބަބެއް ނޫނެވެ.

ނަގަންވީ އަހުމަދުގެ މިސާލެވެ. ބަލީގެ ޗޭނު ތިބާއާ ހިސާބުން ކަނޑައި އެއްލައިލާށެވެ. ކޮވިޑް ހުއްޓުވަން މިއީ އަމިއްލަ ހައިސިއްޔަތުން ކުރެވޭނެ އެންމެ މުހިއްމު ކަންތަކެވެ.

ތިބާ އާއި އަހަންނަށް ވެސް ކޮވިޑް ހުއްޓުވޭނެ އެވެ!

 

އެޑިޓަރުގެ ނޯޓު: މިއީ “ކޮވިޑް ހުއްޓުވާނީ އަހަރެން” ގެ ނަމުގައި ދިވެހި މީޑިއާއިން އިސް ނަގައިގެން ކުރިޔަށް ގެންދާ ގައުމީ ކެމްޕެއިންގެ ދަށުން ގެނެސްދީފައިވާ ރިޕޯޓެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ