ފޮޓ: އެޗްއީއޯސީ

ދާއިމީ ހާއްލެއް ލިބެންދެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންޖެހޭ: ޑރ. ޝަހީދު

ކޮވިޑް-19 އަށް ދާއިމީ ހައްލެއް ލިބެންދެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް ޑރ. އަހްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ ޑރ. އަހްމަދު ޝަހީދު ވިދާޅުވީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރުކުރުމުގެ ސަބަބުންނާއި ރައްޔިތުން އެޗްޕީއޭ އިން އެޅި ފިޔަވަޅުތަކަށް އަމަލުކުރުމުގެ ސަބަބުން މިހާރު ކޮންމެވެސް ވަރަކަށް އެދެވިގެންވާ ބަދަލުތަކެއް އަންނަތަން ފެންނަމުންދާ ކަމަށެވެ.

"އެގޮތުން ބަލައިލާއިރު ފުލޫ ކުލިނިކް ތަކުން ޕޮޒިޓިވްވާ މީހުންގެ އަދަދު އޮގަސްޓާއި އަޅާ ބަލައި ތަންކޮޅެއް ދަށަށް ދޭ. މާނައަކީ ކޮންމެ ދުވަހަކު ވެސް ޕޮޒިޓިވް ވާ މީހުންގެ އަދަދަ ދަށަށް ދޭ" ޑރ ޝަހީދު ވިދާޅުވިއެވެ.

ޑރ ޝަހީދު ވިދާޅުވީ، ނަމަވެސް މި އަދަދުތައް ދަށަށް އަންނަނީ އޭ ބުނަން އަދި ތަންކޮޅެއް އަވަސް ކަމަށާއި އަޅުގަނޑު ބުނާނީ މިހާރު މި އަދަދުތައް ކޮންމެވެސް ވަރަކަށް ސްޓޭބަލް ވާކަމުގެ ނިޝާންތަކެއް ފެންނަ ކަމަށެވެ.

މިހާރު އެޗްޕީއޭއިން އަޅާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅުކަށް އަދި ދުލެއް ދެވޭކަށް ނޯންނާނެ ކަމަށާއި އަދި ރައްޔިތުން ވެސް ފިޔަވަޅުތަކާއި ދޭތެރޭ އެއްގޮތަކަށް ވެސް ފަރުވާ ކުޑަ ކޮށްގެން ކަމަކު ނުދާނެ ކަމަށް ޑރ ޝަހީދު ވިދާޅުވިއެވެ.

"މި އަދަދުތަކާއި މީހުންގެ ބިހޭވިޔާ އާއި މިވަނީ ވަރަށް ގުޅިފައި. ރައްކާތެރި ކަމުގެ ފިޔަވަޅުތަކަކީ ކޮވިޑް-19 އަށް ލިބޭ ދައިމީ ހައްލެއް ނޫން. މި ފިޔަވަޅުތައް އަޅާފައިވަނީ ކޮވިޑް-19 އާއި އެކު ދިރިއުޅުން ކުރިއަށް ގެންދިޔުމަށްޓަކައި ރައްކާތެރިކަމުގެ ތެރޭގައި އެކަންތައް ކުރުމަށް" ޑރ ޝަހީދު ވިދާޅުވިއެވެ.

ޑރ ޝަހީދު އިތުރަށް ވިދާޅުވީ ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވުމުގެ މާނައަކީ ހުރިހާ މީހުން އެއްވެސް ރައްކާތެރިކަމުގެ ފިޔަވަޅަކަށް ބަލާލުމެއް ނެތި އަނެއްކާވެސް އާންމު ހާލަތައް އައުމެއް ނޫން ކަމަށާއި އަޅުގަނޑުމެނަށް ކޮވިޑް-19 އަށް ދާއިމީ ހައްލެއް ލިބެންދެން ރައްކާތެރިކަމުގެ ފިޔަވަޅުތައް ކުރިއަށް ގެންދަންޖެހޭ ކަމަށެވެ.

އަދި އެއްގޮތަކަށް ވެސް ފަރުވާ ކުޑަކޮށްގެން ކަމަކުނުދާނެ ކަމަށާއި މި ފިޔަވަޅުތަކާއި އެކު ކުރަންއުޅޭ ކަމަކީ ޕޮޒިޓިވް ވާ މީހުންގެ އަދަދު ދަށްކުރުމާއި ކޮވިޑް-19 ގެ ސަބަބުން މީހުން މަރުވާ ނިސްބަތް މަދުކުރުން ކަމަށާއި ކޭސްތައް އިތުރުވާނަމަ، ހާއްސަކޮށް  މުޖްތަމައުގައި އުޅޭ ހައިރިސްކް މީހުން ނިޔާވާ ނިސްބަތް މައްޗަށް ދާނެކަމަށް ވިދާޅުވިއެވެ

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 9649 އަށް އަރާފައިވާއިރު، މިވަގުތު އެ ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ 1422 މީހެކެވެ. އަދި އެބަލިން 8188 މީހަކު ވަނީ ރަނގަޅުވެފައިވާއިރު، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 33 މީހަކު ވަނީ ނިޔާވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ