ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ޔޫރަޕުގެ ހަވަނަ ރަންބޫޓާއެކު ސީޒަން ނިންމާލިއިރު ޔުވެންޓަސްއަށް ކުޅެމުން އަންނަ ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯ މިލިސްޓްގެ ގަދަ 10 ގައިވެސް ހިމެނިފައެއް ނުވެއެވެ.
މިސީޒަންގައި މެސީއާއި އެންމެ ވާދަވެރިކޮށް އުޅުނީ ޕީއެސްޖީއަށް ކުޅެމުން އަންނަ އުމުރުން 19 އަހަރުގެ ކިލިއަން އެމްބާޕޭއެވެ. އެމްބާޕޭ ލީގު 1 ގައި 33 ލަނޑު ކާމިޔާބުކޮށްދީފައިވެއެވެ.
މެސީ މިސީޒަންގެ ޔޫރަޕުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ އެވޯޑު ޙާސިލްކުރީ ލަލީގާއި ބާސެލޯނާއަށް ޖަހައިދިން 36 ލަނޑަކާއެކުގައެވެ. އަދި މިއީ މެސީ މިބޫޓު ޖެހިޖެހިގެން ނެގި ތިންވަނަ ފަހަރެވެ.
އުމުރުން 31 އަހަރުގެ މެސީ ބާސެލޯނާއެކު ލަލީގާ ކާމިޔާބުކޮށްފައިވާއިރު މިދިޔަ ސީޒަންގެ ޗެމްޕިއަނުންނަކީވެސް ބާސެލޯނާއެވެ.
މެސީ ލަލީގާގައި ބާސެލޯނާގެ ފުރަތަމަ 11 ގައި ކުޅެން ނިކުމެފައިވަނީ އެންމެ 29 މެޗުގައެވެ. މިސީޒަންގައި ކުޅުނު ހުރިހާ މުބާރަތަކުން ޖުމްލަ 51 ލަނޑު ބާސެލޯނާއަށް މެސީ ކާމިޔާބުކޮށްދީފައިވާއިރު ވޭތުވެދިޔަ ހަ ސީޒަންގައިވެސް މެސީ 50 ހަށްވުރެ މަތިން ބާސެލޯނާއަށް ލަނޑު ކާމިޔާބުކޮށްދީފައިވެއެވެ.

ވާދަވެރި ރޮނާލްޑޯ މިއެވޯޑު އެންމެފަހުން ޙާސިލްކޮށްފައިވަނީ 2014-15 ސީޒަންގައެވެ. މިސީޒަންގެ އެވޯޑާއެކު މެސީއަށް ރޮނާލްޑޯއަށްވުރެ، 2 ރަން ބޫޓު އިތުރަށް ޙާސިލުކުރެވުނީއެވެ.
ރޮނާލްޑޯ ޔުވެންޓަސްއާއެކު ސީރީއާ ކާމިޔާބުކޮށް ސީރީއާގައި ކުޅުނު ފުރަތަމަ ސީޒަންގައި ސީރީއާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމުވަނީ ޙާސިލްކޮށްފައެވެ. ރޮނާލްޑޯއަށް ލީގުގައި ކާމިޔާބުކޮށްދެވުނީ އެންމެ 21 ލަނޑެވެ. މިއީ 2008-09 ސީޒަންގެ ފަހުން މިހާދަށްކޮށް ރޮނާލްޑޯ މިލިސްޓުން ޖާގަލިބުނު ފުރަތަމަ ފަހަރެވެ. މިސީޒަންގެ ގަދަ 10 އަކުންވެސް ރޮނާލްޑޯއަށްވަނީ ފުރުޞަތު ލިބޭގޮތް ނުވެފައެވެ.
- ލިއޮނަލް މެސީ - 36 ލަނޑު (ބާސެލޯނާ)
- ކިލިއަން އެމްބާޕޭ - 33 ލަނޑު (ޕީއެސްޖީ)
- އެމްބާޔޭ ޑިއަގްނޭ - 30 ލަނޑު (ގަލަތަސަރޭ)
- ފަބިއޯ ކުއަގްލިއަރެއްލާ - 26 ލަނޑު (ސަމްޑޯރިއާ)
- ޑުވާން ޒަޕާޓާ - 23 ލަނޑު (އެޓްލާންޓާ)
- މުޙައްމަދު ސަލާޙް - 22 ލަނޑު (ލިވަޕޫލް)
- ސަޑިއޯ މާނޭ - 22 ލަނޑު (ލިވަޕޫލް)
- ރޮބާޓް ލެވެންޑޯސްކީ - 22 ލަނޑު (ބަޔާން މިއުނިކް)
- ޕިއެރެ އޮބަމަޔާން - 22 ލަނޑު (އާސެނަލް)
- ކްރިޒްޓޮފް ޕިއަޓެކް - 22 ލަނޑު (އޭސީ މިލާން)